ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނާ ގުޅޭ މަހާސިންތާއެއް އަންނަ މަހު ބާއްވަނީ

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭނާ ގުޅޭ މަހާސިންތާއެއް އަންނަ މަހު ބާއްވަނީ

ރާއްޖޭގެ ތަރައްޤީ އެއް މިސްރާބަކަށް ގެންދިއުމަށްޓަކައި އެކުލަވާލާ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނާ ގުޅޭގޮތުން ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން ބާއްވާ ޚާއްސަ މަހާސިންތާއެއް އަންނަ މަހު ބާއްވާނެކަމަށް އެ ޕްލޭން އެކުލަވާލަމުންދާ ކޮންސަލްޓަންޓް ނެކްސިއާ މޯލްޑިވްސްއިން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކުރިއަށްދާ މި މަސައްކަތަކީ ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް މަންފާ ލިބޭނެހެން ރާއްޖޭގެ ތަރައްޤީ ބައްޓަންކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދާފައެވެ. އެގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭހެން 192 ބައްދަލުވުމެއް ބާއްވައި، 10،000 އަށްވުރެ ގިނަ މީހުންގެ ޚިޔާލު ވަނީ ހޯދާފައެވެ.

މީގެއިތުރުން އެކި ދާއިރާތަކަށް ޚާއްސަކޮށްގެން 96 ފޯކަސް ގްރޫޕް ބައްދަލުވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާތަކާއެކު 67 ބައްދަލުވުމެއް ބާއްވައި 66 މައުޟޫޢަކަށް މަޝްވަރާކޮށްފައިވެއެވެ.

ޕްލޭން ބެހިގެންވާ މައިގަނޑު 5 ދާއިރާ


ޤައުމީ ތަރައްޤީގެ މި ޕްލޭން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފަސް ބައެއްގެ މައްޗަށެވެ. އެއީ:

  • ދިވެހިންގެ ސަޤާފަތާއި އިސްލާމީ އަދަބުތައް ދެމެހެއްޓުން

  • މަންފާވަނިވި ދެމެހެއްޓެނިވި އިޤްތިޞާދު

  • ރައްޔިތުންގެ ދިރިއުޅުމުގެ ކުރިއެރުމަށް އިޖުތިމާޢީ ތަރައްޤީ

  • ތިމާވެށި ދެމެހެއްޓުން

  • އިދާރާތަކުގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުން


ނެކްސިއާ މޯލްޑިވްސްއިން ބުނި ގޮތުގައި، ރައްޔިތުންނާއި ތަޖުރިބާކާރުންގެ ޚިޔާލާއެކު އެކުލަވާލާފައިވާ އިނީޝިއަލް ޑްރާފްޓް މިހާރު ވަނީ ކަމާގުޅުންހުރި ވުޒާރާތަކާ ހިއްސާކޮށްފައެވެ. އަންނަ މަހު ބާއްވާ މަހާސިންތާގައި ދާއިރާތަކުގެ ތަޖުރިބާކާރުންނާއި އާއްމުން ހިމެނޭހެން 200 އެއްހާ މީހުން ބައިވެރިވާނެއެވެ. މި މަހާސިންތާގެ ބޭނުމަކީ ފައިނަލް ޕްލޭން އެކުލަވާލުމުގެ ކުރިން ޑްރާފްޓަށް އިތުރަށް ޚިޔާލު ހޯދުމެވެ.

މި ޕްލޭނަކީ ކޮންމެ ސަރުކާރެއްގެ ވެސް މެނިފެސްޓޯއަށް ފުރިހަމައަށް ޖާގަ ލިބޭނެހެން ފަރުމާކޮށްފައިވާ ޕްލޭނެއްކަމަށް ސަރުކާރުން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ، މި ޕްލޭންގެ ތަންފީޒީ އޮނިގަނޑު ޖުލައި މަހުގެ ނިޔަލަށް އެކުލަވާލާނެ ކަމަށެވެ.

މި ޕްލޭންގެ އެންމެ ބޮޑު މަޤްޞަދަކީ 2040 ވަނަ އަހަރަށް ދާއިރު ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ބޭނުންވާ މަގުޗާޓެއް އެކުލަވާލުމެވެ. ޕްލޭނަށް އަމަލުކުރަން ފެށުމުގެ ކުރިން އާއްމުންގެ ޚިޔާލަށް ހުޅުވާލުމުގެ އިތުރުން، ސަރަޙައްދީ ފެންވަރުގެ ވެލިޑޭޝަން ބައްދަލުވުންތައް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.