ގައުމުގެ ރިޒާވް ރަނގަޅުވެ، ބޯހިޔާވަހިކަމުގެ ދަތިކަމަށް ނިމުން މި އަންނަނީ ދޫނީގެ ދުވެލި ބާރުވީމަ: ސައީދު
ރާއްޖޭގެ އިޤްތިޞާދީ ރިޒާވް ބޮޑުތަނުން އިތުރުވަމުންދާ ކަމަށާއި، ރައްޔިތުން ބޯހިޔާވަހިކަމަށްޓަކައި ސަލާންޖަހަން ޖެހުނު ޖެހުން ނިމުމަކަށް އަންނަމުންދާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، މިއަދު ރާއްޖޭން ފެންނަނީ ޕީއެންސީއާ އެކު ގައުމުގެ ހަމަޖެހުން ގާއިމުވެގެންދާ މަންޒަރު ކަމަށެވެ.
Ads by BML"އަޅުގަނޑަށް ފެންނަނީ ގައުމުގެ ރިޒާވް ބޮޑުވާތަން. އަޅުގަނޑަށް ފެންނަނީ ގައުމު ބޯހިޔާވަހިކަމަށް ސަލާންޖަހަން ޖެހުނު ޖެހުން އިރާދަކުރެއްވިއްޔާ ނިމެނުން އަންނަތަން،" ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ޕީއެންސީގެ މަސައްކަތްތަކަށް ސިފަކުރައްވަމުން އޭނާ ވިދާޅުވީ ކަންކަން މިހާ ފުރުހަމަވެގެން މިދަނީ ޕީއެންސީގެ ދޫނި ވެސް ހަމަ ޗާލުވެފަ ދުވާލެއް ވެސް ބާރުވީނަ ކަމަށެވެ. އަދި އެީ ރައްޔިތުންނަށް ރައީސް ހުށަހެޅުއްވި މެނިފެސްޓޯގެ ނަތީޖާ ކަމަށް ވެސް އޭނަ ވިދާޅުވި އެވެ.
އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ސަރުކާރުން އަންނަނީ ބަރާބަރަށް ދަރަނި ދައްކަމުން ކަމަށާއި، ބަނގުރޫޓުވާން އޮތް ހާލަތުން ރާއްޖެ ސަލާމަތްކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް މިއަދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ސަރުކާރަކީ އަބަދުވެސް ރައްޔިތުންގެ ޚިދުމަތުގައި ދެމިއޮންނާނެ ސަރުކާރެއްކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ސިޔާސީ ގޮތުން ވާހަކަދައްކަވަމުން ސައީދު ވަނީ ހުޅުމާލޭގެ ރައްޔިތުން ވޯޓުދޭންވީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށް ވިދާޅުވެފައެވެ. އަދި އިތުރު އެއްވެސް ފިކުރަކަށް ޖާގަ ނުދިނުމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުތަކުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްޤީގެ ތަޞައްވުރަށް ރައްޔިތުން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ބޮޑު ތާއީދެއް ދީފައިވާކަން ވެސް ވަޒީރު ހަނދާންކޮށްދެއްވިއެވެ.
ނިންމަވާލައްވަމުން ވަޒީރު ވަނީ ޕާޓީގެ ހުރިހާ މެންބަރުންނާއި ކެންޑިޑޭޓުން އެކުގައި ބަދަހިކަމާއެކު މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އެގޮތަށް މަސައްކަތް ކޮށްފި ނަމަ، ރާއްޖޭގައި ވެރިކަން ކުރާނީ ކޮން ޕާޓީއެއްތޯ ރައްޔިތުން ސުވާލު އުފައްދާނެ ޖާގައެއް ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ. ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު އިފްތިތާޙް ކޮށްދެއްވި މި ޖަގަހައަކީ ކުރިއަށް އޮތް ތަނުގައި ޕާޓީގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ހުޅުވުނު މުހިންމު މަރުކަޒެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
Ads by MACL
