ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ކޮންގްރެސް ޕާޓީގެ ސައިކަލު ބުރު ބާއްވައިފި

ކޮންގްރެސް ޕާޓީން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގެ ތެރެއިން. ފޮޓޯ: އެކްސް
ކޮންގްރެސް ޕާޓީން މިއަދު މާލޭގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގެ ތެރެއިން. ފޮޓޯ: އެކްސް

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު މިއަދު މާލޭގައި ޚާއްޞަ ސައިކަލް ބުރެއް ބާއްވައިފިއެވެ.

މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން އެ ޕާޓީން އިންތިޒާމުކުރި ހަރަކާތެކެވެ.

މާފަންނު މެރީބްރައުން ސަރަހައްދުން ފެށި މި ސައިކަލް ބުރުގައި ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުންނާއި ސަޕޯޓަރުން ބައިވެރިވިއެވެ. މި ހަރަކާތް ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ މައި އޮފީސް ސަރަހައްދަށެވެ.

ސައިކަލް ބުރު ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެން ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، ކައުންސިލްތައް ބާކީކޮށް އެތަންތަނުގެ ބާރު ކަނޑުވާލުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ އުސޫލެއް ނޫން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރުމިނުގައި ކުރިއަށް ގެންދިއުމަށްޓަކައި، ސިޓީތަކާއި ރަށްރަށުގެ ކައުންސިލް ގޮނޑިތަކުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަކީ މުހިންމު ކަމެއް ކަމަށެވެ.

މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް މި ސައިކަލް ބުރުގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.