މުޖުތަބާ ޚާމަނާއީ އާއި ލަރިޖާނީއާއި ބެހޭ މަޢުލޫމާތު ދޭ ފަރާތަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅައިފި
އީރާނުގެ އިސް ވެރިންތަކެއް ކަމަށްވާ މުޖުތަބާ ޚާމަނާއީ އާއި އަލީ ލާރިޖާނީ ހިމެނޭހެން، "އީރާނުގެ ޓެރަރިސްޓް ލީޑަރުން" ކަމަށް އެމެރިކާއިން ސިފަކުރާ ފަރާތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އިޢުލާންކޮށްފި އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ 'ރިވޯޑްސް ފޯ ޖަސްޓިސް' ޕްރޮގްރާމުން ބުނެފައިވަނީ މި ފަރާތްތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 10 މިލިއަން އެމެރިކާ ޑޮލަރާ ހަމައަށް އިނާމު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މަޢުލޫމާތު ދޭ ފަރާތްތަކަށް އެހެން ޤައުމަކަށް ބަދަލުވުމުގެ (ރީލޮކޭޝަން) ފުރުޞަތު ވެސް ލިބިދާނެ ކަމަށް އެމެރިކާއިން ވަނީ ހާމަކޮށްފައެވެ.
އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ފަރާތްތަކަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ އެކި ގޮފިތަކަށް އަމުރުކޮށް އިރުޝާދުދޭ ފަރާތްތައް" ކަމަށެވެ. އަދި މި ޖަމާޢަތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޢަމަލުތައް ރާވައި ހިންގާ ޖަމާޢަތެއް ކަމަށްވެސް އެމެރިކާއިން ތުހުމަތުކުރެ އެވެ.
އެމެރިކާއިން މަޢުލޫމާތު ހޯދަން ބޭނުންވާ އިސް ބޭފުޅުން:
އެމެރިކާއިން މަޢުލޫމާތު ހޯދަން ބޭނުންވާ އީރާނުގެ އިސް އޮފިޝަލުންގެ ތެރޭގައި ހިމެނެނީ:
- އިންޓެލިޖެންސް މިނިސްޓަރު އިސްމާޢީލް ޚާތިބު
- ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަލީ އަސްޣަރު ހިޖާޒީ
- މޭޖަރ ޖެނެރަލް ޔަޙްޔާ ރަޙީމް ސަފަވީ
- ބްރިގޭޑިއަރ ޖެނެރަލް އެސްކަންދަރު މޫމިނީ
- ސުޕްރީމް ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރިޖާނީ
މި އިޢުލާނު ނެރުނުއިރު، އީރާނުގެ ކުރީގެ މަޖިލިސް ރައީސް އަލީ ލަރިޖާނީ ވަނީ ތެހެރާނުގައި މިއަދު ބޭއްވި އަލް-ޤުދުސް ދުވަހުގެ މުޒާހަރާތަކުގައި ބައިވެރިވެވަޑައިގެންފަ އެވެ. އަދި އޭނާ ވަނީ އެ މުޒާހަރާގައި ބައިވެރިވެވަޑައިގަންނަވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފަ އެވެ.
Ads by BML
Ads by MACL
