ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަފްތާއެއްގެ ތެރޭ 11 އިންސައްތަ ބޮޑުވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަފްތާއެއްގެ ތެރޭ 11 އިންސައްތަ ބޮޑުވެއްޖެ

މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި ހަފުތާގެ ތެރޭގައި 11 އިންސައްތަ އުފުލިފައިވާ ކަމަށް މާކެޓް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ފަހުގެ ތާރީޚެއްގައި ތެލުގެ އަގަށް އައި އެންމެ ބޮޑު އެއް ބަދަލެވެ.

ބައިނަލްއަގުވާމީ ބެންޗްމާކެއް ކަމަށްވާ ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ހުރި 72.48 ޑޮލަރުން، މިއަދުގެ ބާޒާރު ބަންދުވިއިރު 103.14 ޑޮލަރަށް އުފުލިފައެވެ. މިއީ އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމަ ފެށުނު ފަހުން ބްރެންޓް ކްރޫޑްގެ އަގަށް އައި 42 އިންސައްތައިގެ ކުރިއެރުމެކެވެ.

ބްރެންޓް ކްރޫޑްގެ އިތުރުން، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިއުޓީއައި) ގެ އަގަށް ވެސް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން ހަމަނުޖެހުންތައް ފެށުނު ފަހުން ޑަބްލިއުޓީއައިގެ އަގު ވަނީ 47 އިންސައްތައަށް ވުރެ ބޮޑަށް އުފުލި، ފީފާއެއްގެ އަގު 98.71 ޑޮލަރަށް އަރާފައެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތެލުގެ އަގު މިހާ ބޮޑަށް އުފުލެން މެދުވެރިވީ މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ތެޔޮ ސަޕްލައި ކުރުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. މި ހާލަތުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތެލުގެ އަގަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.