އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ނުފޫޒުތައް ކުޑަވެ، ވޯޓުލާ މީހުން އިތުރުވާނެ: ރައީސް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އިންތިހާބަށް ފޯރުވޭ ނުފޫޒުތައް ކުޑަވެ، ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ ކޮންގްރެސް ޕާޓީގެ ފަރާތުން ބޭއްވި ސައިކަލު ބުރު ނިންމަވާލެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ގައުމުގެ ހަމަޖެހުން ކުރިއަށް ގެންދިއުމާއި ސިޔާސީ ހަލަބޮލިކަން އެކީ އެކަށް ނައްތާލުމަށްޓަކައި އިންތިހާބުތައް އެއްކޮށްލުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ބޭނުންވާ ކުރިއެރުމާއި ހެވާއި ލާބަ ހޯދައިދިނުމަށް މަގުފަހިވާނެ ކަމަށާއި، މިއީ ނުފޫޒުން އެއްކިބާވެގެން އެންމެ ގިނަ ރައްޔިތުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ ގޮތް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގައި ގާނޫނީ އެއްވެސް ފުށުއެރުމެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސަރުކާރެއް ހޮވޭތާ މަސްތަކެއް ފަހުން މަޖިލިސް އިންތިހާބު ބޭއްވުމުން ސަރުކާރުގެ ނުފޫޒު އޮންނަ ކަމަށް ބުނުމުގެ ޖާގަ އޮންނަ ކަމަށެވެ. ނަމަވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އެ ޖާގަ ހަނިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެންމެ އިންސާފުވެެރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮތީމަ ތިމަަންނައަކީ ސަރުކާރު ކެންޑިޑޭޓޭ ބުނެވޭނެ ޖާގައެއް ނޯންނާނެ، އެ ދުވަހު ހޮވޭނީ ކޮން ސަރުކާރެއް ކަމެއް އެނގޭނެ މީހަކު އެތާކު ނުއެއް ހުންނާނެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ހޮވޭ ސަރުކާރާއި މަޖިލިސް މެންބަރުން އެއް ވަގުތެއްގައި ރައްޔިތުން ކަނޑައެޅުމަކީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އެންމެ ހަނިވާނެ ގޮތް ކަމަށެވެ.
މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާއިރު، މަޖިލީހުގެ އުމުރު ގުނަން ފަށާނީ ޑިސެމްބަރު އެކަކުން ފެށިގެންނެވެ.
މި ބަދަލާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކުގަ އެވެ. މިއީ ރާއްޖޭގެ އިންތިހާބީ ނިޒާމަށް ގެނެވޭ ބޮޑު ބަދަލަކަށް ވެގެންދާނެ އެވެ.
Ads by MACL
