ފަލާޙު އެމްޑީޕީއަށް: ރެފެރެންޑަމް އާއި ގުޅޭގޮތުން ވާހަކަ ދައްކަން ބަހުސަކަށް ވަޑައިގަންނަވާ
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނުފެންނަކަމަށް ބުނެ އިދިކޮޅު ސިޔާސީ ބޭފުޅުން ދައްކަމުން އަންނަ ވާހަކަތަކަށް ގަބޫލުކުރެވޭނެ ފަދަ ހެއްކެއް އަދިވެސް ދައްކާފައި ނުވާތީ، އެމްޑީޕީގެ ބޭފުޅުންނާއެކު އާއްމު ބަހުސަކަށް ވަޑައިގަތުމަށް ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ދައުވަތު އަރުވައިފި އެވެ.
ފަލާހު މި ދައުވަތު އެރުވީ ޕީއެންސީގެ ފަރާތުން ކުރިއަށްގެންދިޔަ ހުޅުމާލެ ދެކުނު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ގެއްލުމެއް ވާދަވެރި އެއްވެސް ބޭފުޅަކަށް ވިދާޅުވެ ނުދެއްވުނު ކަމަށާއި، އިދިކޮޅުން މަސައްކަތް ކުރަނީ ހަގީގަތާ ހިލާފު ވާހަކަތައް ރައްޔިތުންގެ މެދުގައި ފެތުރުމަށް ކަމަށެވެ.
"ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވައިިގެން ގައުމަށް ލިބޭނެ ގެއްލުމެއް އިދިކޮޅު އެއްވެސް ފަރާތަކަށް ބުނެއެއްް ނުދެވޭނެ. އަޅުގަނޑު މިހުރީ އެކަމުގައި އިދިކޮޅު ފަރާތްތަކުން ބަހުސް ކުރައްވާ ބޭފުޅުންނާ އެކީގައި ޓީވީ ލައިވްގައި އާއްމު ބަހުސަކަށްދާން ތައްޔާރަށް،" ފަލާހު ވިދާޅުވި އެވެ.
މީގެ އިތުރުން ފަލާހު ވިދާޅުވީ މި ބަދަލުގެ ސަބަބުން ރާއްޖޭގެ މުސްތަގުބަލަށް ލިބޭނެ ފައިދާ ސާބިތުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވާކަމަށެވެ.
ފަލާހު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ދެ އިންތިހާބު އެއްކޮށް ބޭއްވުމުން ގައުމުގެ ހަމަޖެހުން ގާއިމުވެ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އޭނާ ވަނީ އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ ސަޕޯޓު އޮތް ނަމަ، އިންތިހާބުގެ ނަތީޖާއާ މެދު ބިރުން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދަވާފައެވެ.
Ads by BMLވާހަކަ ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ހަގީގީ ވިސްނުން ހުރީ ކޮންގްރެސް ޕާޓީގައި ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ އަގުލަބިއްޔަތު އެ ޕާޓީއަށް ދިނުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އިލްތިމާސްކުރައްވާފައެވެ.
Ads by MACL
