ރައީސަކީ ސިޔާސީ ފައިދާއަށް ބެއްލެވުމެއްނެތި ގައުމާއި ރައްޔިތުންގެ ހައްގުގައި ހަރުދަނާ ނިންމެވުންތައް ނިންމަވާ ވެރިއެއް: ފަލާހު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ސިޔާސީ ފައިދާއަށް ބެއްލެވުމެއްނެތި، ގައުމާއި ރައްޔިތުންގެ ހައްގުގައި ހަރުދަނާ އަދި މުހިންމު ނިންމެވުންތަކެއް ނިންމަވާ ބޭފުޅެއް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ މިއަދުގެ ރައީސަކީ ގައުމެއްގެ ސިފައިގައި ދައުލަތް ހިންގުމަށް ހަވާލުވި ހަމައެކަނި ރައީސް ކަމަށް ގިނަ ސިޔާސީ ބޭފުޅުން ސިފަކުރައްވާ ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސިޔާސަތުތައް ގިނަ ބޭފުޅުން އެއްގޮތް ކުރައްވަނީ ކުރީގެ ރައީސް މަރުހޫމް އިބްރާހީމް ނާޞިރު ގެންގުޅުއްވި ފަދަ ހަރުދަނާ ސިޔާސަތުތަކާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ވަރަށް ކުޅަދާނަ، ވަރަށް މުހިންމު، ވަރަށް ހަރުދަނާ ނިންމުން ނިންމަވާ ބޭފުޅެއްގެ ގޮތުގައި ރައީސް ފާހަގަކުރެވޭ،" ފަލާހު ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އަލިއަޅުއްވާލައްވަމުން ފަލާހު ވިދާޅުވީ، މާޒީގައި މިކަން މިގޮތަށް ކުރަން ނޫޅުނީ އިޚްލާޞްތެރިކަން ނެތުމުން ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިކަމަށް ފާޑުކިޔަސް، އެކަން އެގޮތަށް ނުކުރެވެންވީ ސަބަބެއް ބުނެދެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަދަލަކީ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށާއި، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ އިންތިޚާބުގައި މިކަމަށް "އާނއެކޭ" ބުނުމަށް އޭނާ ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން، 20 ވަނަ ރައްޔިތުންގެ މަޖިލީހުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރައްވަމުން ފަލާހު ވިދާޅުވީ، މިވީ ކުރު މުއްދަތުގެ ތެރޭގައި 50 އަށްވުރެ ގިނަ ގާނޫނަށް އިސްލާހު ގެނެސް، މުހިންމު އައު ގާނޫނުތަކެއް ފާސްކޮށްފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ހައްގުގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ފަލާހު ވަނީ ގައުމުގެ މުސްތަގުބަލަށް ރައީސް ކުރައްވާ މަސައްކަތްޕުޅުގައި ކައުންސިލުތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ރައްޔިތުން ވިސްނުންތެރިކަމާއެކު ވޯޓު ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
Ads by MACL
