ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބުތަކުގެ ވޯޓު ކަރުދާސް ޗާޕުކުރުމުގެ މަސައްކަތް ފަށައިފި. ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސްކޮޅު ލިބޭނެ!

އިންތިޚާބުތަކުގެ ވޯޓު ކަރުދާސް ޗާޕުކުރުމުގެ މަސައްކަތް ފަށައިފި. ވޯޓުލާ ކޮންމެ މީހަކަށް 3 ކަރުދާސްކޮޅު ލިބޭނެ!
އަންނަ އޭޕްރީލް މަހުގެ 4ގައި ބާއްވާ ތިން އިންތިޚާބަށް ބޭނުންވާ ވޯޓު ކަރުދާސްތައް ޗާޕުކުރުމުގެ މަސައްކަތް މިހާރު ފަށައިގެން ކުރިއަށްދާކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކުގެ އިދާރީ އިންތިޒާމްތައް ކޮމިޝަނުން އަންނަނީ ވަރަށް ބާރުސްޕީޑެއްގައި ފުރިހަމަކުރަމުންނެވެ.

ދައުލަތުގެ މީޑިއާ އާއި ވާހަކަދައްކަވަމުން ޒާހިދު ވިދާޅުވީ، ވޯޓު ކަރުދާސް ޗާޕުކުރުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް ކުރިއަށްދާއިރު، ކޮމިޝަންގެ ފަރާތުން ކޮންމެ ކަރުދާސްކޮޅެއް ވަކިވަކިން ބަލައި ޗެކްކުރަމުންދާ ކަމަށެވެ. މިގޮތުން ކަރުދާހުގައި ހުންނަންޖެހޭ ކެންޑިޑޭޓުންގެ މަޢުލޫމާތާއި، ޗާޕުކުރުމުގައި އެއްވެސް ކަހަލަ އުނިކަމެއް ނުވަތަ ބާތިލްވާފަދަ ކަމެއް ހުރިތޯ ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މިދަނީ ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށް އެކަރުދާސްކޮޅެއްގައި ދެ އިންތިޚާބުކަމަށް ވެއްޖެއްޔާ ކޮންމެ އިންތިޚާބެއްގައި އެދާއިރާއެއްގައި ކާކުތޯ ވޯޓުލަނީ ވޯޓު ލާންޖެހޭ ކެންޑިޑޭޓުންގެ ނަމާއި އެތަފްސީލުތަކާއި އެއްޗިސް، އެއިން ކަރުދާހެއްގައި ޗާޕުކުރުމުގެ ތެރޭގައި ވޯޓު ކަރުދާސް ބާތިލް ކުރަން ޖެހޭ ނުވަތަ އެހެންވެސް އެކަހަލަ ކަމެއް އެއްވެސް ކަހަލަ ޑިފޯލްޓެއް އުޅޭތޯ. ކޮންމެ ކަރުދާސްކޮޅެއް ވަކިން ބަލައި ޗެކްކޮށްކުރަމުން މިދަނީ." ޒާހިދު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,876 މީހުންނަށް ލިބިގެންވާއިރު، ވޯޓުލާ ދުވަހު ކޮންމެ މީހަކަށް ވެސް ތިން ކަރުދާސްކޮޅު ލިބޭނެއެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ކަރުދާހެވެ.

ޒާހިދު ވިދާޅުވީ މި ތިން ކަރުދާސްކޮޅުވެސް ތަފާތުވާނެ ކަމަށާއި، ކަރުދާސްތައް ލާންޖެހޭނީ ކަނޑައެޅިފައިވާ ވަކި ތިން ފޮއްޓަކަށް ކަމަށެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ހިމެނެއެވެ. މީގެ އިތުރުން ރިސޯޓުތަކުގައި 21 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން އަންނަ ފަރާތްތަކުން އޮފިޝަލުންގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި، ކަރުދާސްކޮޅުތައް ރަނގަޅު ފޮއްޓަށް ލުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ވޯޓުލާ ދުވަސް އައުމުގެ ކުރިން ހުރިހާ ތަކެއްޗެއް ރަށްތަކަށް ފޮނުވައި ނިންމުމަށް ތާވަލުކުރެވިފައިވާ ކަމަށްވެސް އެ ކޮމިޝަނުން މަޢުލޫމާތުދެ އެވެ.