ގދ. އަތޮޅުގެ ސާފު މެޖޯރިޓީ ސަރުކާރަށް ލިބޭނެ: އަތޮޅު ރައީސް
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ގދ. އަތޮޅުގެ ސާފު މެޖޯރިޓީ ސަރުކާރު ހިންގާ ޕާޓީއަށް ލިބޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވިދާޅުވެއްޖެއެވެ.
އަތޮޅުގެ ސިޔާސީ މަސްރަޙާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފައިހަތު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގދ. އަތޮޅުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެ އަތޮޅުގެ ގިނަ ގޮނޑިތަކެއް ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ކާމިޔާބު ކުރާނެ ކަމަށެވެ.
Ads by BMLމީގެ އިތުރުން، ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ފެންނަ ނުފެންނަ ، ވޯޓުގެ ނަތީޖާވެސް ނިމިގެންދާނީ ސަރުކާރުން އެދޭ ގޮތަށް ކަމަށް ފައިހަތު ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގދ. އަތޮޅުގެ ރައްޔިތުން ތިބީ ސަރުކާރުގެ ސިޔާސަތުތަކަށް ފުރިހަމައަށް ތާއީދުކޮށް، ތަރައްޤީގެ މަޝްރޫޢުތަކާއެކު ކުރިއަށް ދިއުމުގެ އަޒުމުގައެވެ.
މީގެ ކުރީގެ އިންތިޚާބުގެ ނަތީޖާތަކަށް ނަޒަރު ހިންގަވަމުން އަތޮޅު ރައީސް ވިދާޅުވީ، މީގެ ކުރީގެ އިންތިޚާބުތަކާ އަޅާބަލާއިރު މިފަހަރު ސަރުކާރަށް އޮތް ތާއީދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.
ސަބަބެއްގެ ގޮތުން ފައިހަތު ވިދާޅުވީ އަތޮޅު ތެރޭގެ ރަށްރަށުގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ބޮޑު ވެފައި ވާތީއެވެ. ފަރެސްމާތޮޑާ ބަނދަރުގެ މަޝްރޫއަކީ މަސްވެރިންނާއި ރައްޔިތުން އެދިއެދި ތިބިކަމެއްކަމުން މުޅި ފަރެސްމާތޮޑާގެ ރައްޔިތުންތިބީ އުފަލުންކަމަށެވެ. ފިޔޯރީ، ނަޑެއްލާ، މަޑަވެލި ގައި މިހާރު ފަށާފައިވާ މަސައްކަތްތަކުން ވެސް ސަރުކާރަށް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.
އަދި މިއީ ރައީސް މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ އިތުބާރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިންތިޚާބަކީ ގދ. އަތޮޅުގެ ކުރިމަގަށް ނުހަނު މުހިންމު އިންތިޚާބެއްކަން ފާހަގަކުރައްވައި، ފައިހަތު ވަނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރެވޭނެ މެންބަރުން އިންތިޚާބު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
Ads by MACL
