ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާޒާރުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ދަށަށް، 100 ގުރާމް މިރުސް 20 ރުފިޔާއަށް!

ދަތުރުވެރިންގެ ބާޒާރުގައި ވިއްކަން ހުރި މިރުސްތަކެއް
ދަތުރުވެރިންގެ ބާޒާރުގައި ވިއްކަން ހުރި މިރުސްތަކެއް

ލޯކަލް މާރުކޭޓުގައި މިރުސް ތިޔާގިވެ، މިރުހުގެ އަގު ބޮޑުތަނުން ދަށަށް ހިނގައްޖެއެވެ. ކޮންމެ އަހަރެއްގެ ރަމަޟާންމަހަކީ މިރުހަށް އޮންނަ ޑިމާންޑު އިންތިހާއަށް ބޮޑުވާ މަހަކަށް ވާއިރު، މީގެ ކުރިން ބައެއް އަހަރުތަކުގައި މިރުހުގެ އަގު އަތްނުފޯރާ ފަށަށް އުފުލިފައިވެއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ބާޒާރުން ފެންނަނީ ތަފާތު މަންޒަރެކެވެ.

މިއަދު ބާޒާރުގެ އަގުތަކަށް ބަލާއިރު، 100 ގްރާމް މިރުސް ލިބެން ހުރީ 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. މިއީ ރަމަޟާންމަސް ފެށުނުއިރު މިރުސް ހުރި އަގާ އަޅާބަލާއިރު ބޮޑު ހެޔޮވުމެކެވެ. ރަމަޟާންމަސް ފެށުނުއިރު 100 ގްރާމް މިރުހުގެ އަގު ހުރީ 50 ރުފިޔާގައެވެ.

މިރުހުގެ އަގު ހެޔޮވި ނަމަވެސް، ބާޒާރުގައި ކަރާގެ އަގު ވަނީ އުފުލިފައެވެ. ރަމަޟާންމަސް ފެށުނުއިރު ކަރާ ކިލޯއެއް 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގައި ހުރި ނަމަވެސް، މިއަދު ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު ހުރީ 35 ރުފިޔާގައެވެ. ފަތްފިލާވެލީގެ އަގުތަކަށް ބަލާއިރު، މި ރަމަޟާންމަހު އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެގޮތުން ކުއްޅަފިލާފަތް ބޮނޑިއެއް 15 ރުފިޔާއަށް، ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާއަށް އަދި ލެޓިއުސް ކިލޯއެއް 60 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

ބާޒާރުގައި އެހެން ބައެއް ތަކެތީގެ އަގުތައް:


ބާޒާރުގައި މިއަދު ތަކެތި ހުރި އަގުތަކަށް ބަލާއިރު، 1 ކިލޯ އަނބު 70 އާއި 100 ރުފިޔާއާ ދެމެދުގައި ހުރިއިރު، އަލަނާސިގަނޑެއް ލިބެން ހުރީ 65 ރުފިޔާއަށެވެ. މީގެ އިތުރުން އޮރެންޖެއް އަދި އާފަލެއް 6 ރުފިޔާއަށް ލިބެން ހުރިއިރު، ކެބެޖް އަދި ކެރެޓް ކިލޯއެއް ހުރީ 30 ރުފިޔާއަށެވެ. ބަޓާނާ ކިލޯއެއް 40 ރުފިޔާ، ޓޮމާޓޯ ކިލޯއެއް 35 އާއި 65 ރުފިޔާއާ ދެމެދު، ކައްޓަލަ ކިލޯއެއް 60 ރުފިޔާ އަދި ދޮންކެޔޮ ކިލޯއެއް 30 އާއި 40 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވަނީ ހިފެހެއްޓިފައެވެ.

މި ރަމަޟާންމަހު ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮއަގުގައި ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި މިތަކެތި މާލެއެކޭ އެއް އަގެއްގައި ރަށްރަށުން ލިބޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

މީގެ އިތުރުން، އޮރެންޖްގެ އަގު ބާޒާރުގައި 15 ރުފިޔާއަށް އުފުލުމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެސްޓީއޯއިން ވަނީ އޮރެންޖް ޝިޕްމަންޓެއް ގެނެސް ހެޔޮ އަގުގައި ވިއްކަން ފަށާފައެވެ. މީގެ ސަބަބުން މިހާރު ބާޒާރުގައި އޮރެންޖެއްގެ އަގު ވަނީ 6 ރުފިޔާއަށް ތިރިވެފައެވެ.