ރާއްޖޭގެ މަޤުބޫލުކަން ބޮޑުވެ، މިއަހަރުގެ މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14000އަށްވުރެ ގިނަ ފަތުރުވެރިން!
ރާއްޖެއަކީ ކްރޫޒްލައިނާތަކުގެ މެދުގައި މަޤްބޫލު މަންޒިލަކަށް ވެފައިވާއިރު، މިއަހަރުގެ މިހާތަނަށް 9 ކްރޫޒްލައިނާއަކުން 14,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އައި މި އުޅަނދުފަހަރުން ޖުމްލަ 14,996 ފަތުރުވެރިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަނީ ފައިބާފައެވެ.

ކްރޫޒްލައިނާތަކުން ފަތުރުވެރިން އައި ތާރީޚުތަކާއި އަދަދުތައް
މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާރިޗު މަހުގެ މެދަކާ ހަމައަށް ރާއްޖެއަށް އައިސްފައިވާ ކްރޫޒްލައިނާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ފެބުރުވަރީ މަހުގެ ތެރޭގައެވެ. އެގޮތުން ފެބުރުވަރީ 14 ގައި 3,904 ފަތުރުވެރިން އަދި ފެބުރުވަރީ 16 ގައި 2,553 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މީގެ އިތުރުން މާރިޗު 4 ވަނަ ދުވަހު 2,736 ފަތުރުވެރިންނާއެކު ބޮޑު ކްރޫޒްލައިނާއެއް ވަނީ ބަނދަރުކޮށްފައެވެ.ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިން މާލޭގެ އިތުރުން، ރާއްޖޭގެ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އެކި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، އެ ރަށްރަށުގެ ސަގާފަތާއި ރީތިކަން ތަޖުރިބާކުރެއެވެ. މި ފަރާތްތަކަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، މޯލްޑިވްސް އިމިގްރޭޝަންގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން އަންނަނީ ހަލުވިކަމާއެކު ފޯރުކޮށްދެމުންނެވެ.

ދާއިރާ ފުޅާކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް
ކްރޫޒް ވިޔަފާރިއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ދާއިރާއަކަށް ވާތީ، މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން "ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނާތަކަށް ޚާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށް" ސަރުކާރުން ވަނީ ނިންމަވާފައެވެ.މީގެ މަގްސަދަކީ މި ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ފަސޭހަކަމާއެކު ރާއްޖެއަށް ޒިޔާރަތްކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.
Ads by BMLފަތުރުވެރިކަމާބެހޭ ވުޒާރާގެ އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ކްރޫޒްލައިނާތަކުން އަންނަ ފަތުރުވެރިންނާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 5 ލައްކައަށްވުރެ މައްޗަށް އަރާފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.
Ads by MACL
