އެއްދުވަހެއްގައި އިންތިހާބުތައް ބޭއްވުމަކީ ޑިމޮކްރަސީ ހަޔާތުގައި ގެނެވޭ އެންމެ ހެޔޮ ބަދަލު: ގއ. އަތޮޅު ރައީސް
ރާއްޖޭގައި ބާއްވާ އެކި އިންތިޚާބުތައް އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަޔާތުގައި ގެނެވޭ އެންމެ ހެޔޮ ބަދަލު ކަމުގައި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ޝަހީން ވިދާޅުވެއްޖެއެވެ.
ޝަހީން މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަދި ލޯކަލް ކައުންސިލް އިންތިޚާބުތައް އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކާ ގުޅިގެން ދެއްވި އިންޓަވިއުއެއްގައިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ބަދަލަކީ ރާއްޖޭގެ ސިޔާސީ އަދި އިދާރީ ހިންގުމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
Ads by BMLއެއްދުވަހެއްގައި އިންތިޚާބުތައް ބޭއްވުމަށް އޭނާ ފުރިހަމައަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ޝަހީން ވިދާޅުވީ، މިކަން އަމަލީގޮތުން ތަންފީޒު ކުރުމަށްޓަކައި ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ގއ. އަތޮޅު ކައުންސިލުން ދެއްވާނެ ކަމަށެވެ.
މިއީ ގައުމުގެ އިގްތިސާދަށާއި ރައްޔިތުންގެ ވަގުތަށް ބެލިކަމުގައި ވިޔަސް ނުހަނު ފައިދާހުރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބަދަލުގެ ސަބަބުން ލިބޭނެ މަންފާތަކަށް އަލިއަޅުއްވާލައްވަމުން އަތޮޅު ރައީސް ވިދާޅުވީ، ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް އިންތިޚާބުތައް ބޭއްވުމުގެ ބަދަލުގައި، އެއްދުވަހަކުން މިކަން ނިމިގެން ދިއުމުން ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އެތައް ގުނައަކުން ކުޑަވެގެންދާނެ ކަމަށެވެ.
އަދި އިންތިޚާބުތަކަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި ރައްޔިތުންގެ އާންމު ދިރިއުޅުމަށް އަންނަ މެދުކެނޑުންތައް މަދުވެ، ގައުމުގެ އުފެއްދުންތެރިކަން އިތުރުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސިޔާސީ ހަލަބޮލިކަމުގައި ގައުމު އޮންނަ ވަގުތު މަދުވެ، ތަރައްގީގެ މަޝްރޫއުތަކަށް ފޯކަސް ކުރުމަށް ސަރުކާރަށާއި ކައުންސިލްތަކަށް ފުރުސަތު ލިބިގެންދާނެ ކަމަށް ޝަހީން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ގެންނަ މި އިސްލާހަކީ ރާއްޖޭގެ އިންތިޚާބީ ނިޒާމު ހަރުދަނާކޮށް، ހަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.
Ads by MACL
