ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މުސާރައިގެ ގޮތުގައި ރައީސް ޑރ މުއިއްޒު ނަންގަވަނީ 47000 ރުފިޔާ!

ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ މުސާރައަކީ ދިވެހި ރުފިޔާއިން އެއްލަައްކަ ރުފިޔާއެވެ. އެހެން ނަމަވެސް މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މުސާރައިގެ ގޮތުގައި ނަންގަވާވަރު ހާމަކޮށްފިއެވެ.

ޕޮޑްކާސްޓް ސްޕޮޓްއޮންގެ ފުރަތަމަ އެޕިސޯޑުގައި ރައީސް ވިދާޅުވީ ރިޔާސީ ވައުދާއި އެއްގޮތަށް މިހާރު ނަންގަވަނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އަދި ޕެންޝަންއާއި އެހެނިހެން ޑިޑަކްޝަނަށް ކަނޑާފަ މުސާރައިގެ ގޮތުގައި ލިބިވަޑައިގަންނަވަނީ 47000 ރުފިޔާ ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ދިވެހި ޒުވާނުންގެ ކަންބޮޑުވުންތަކާއި އަދި މައްސަލަތަކުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ރައީސް ކިޔައި ދެއްވިއެވެ.

ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް، ތިން ބައިކުޅަ އެއްބައި ޙިއްޞާކުރާ ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތަކާ ބެހޭގޮތުން އެމަނިކުފާނާ ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާން ޖީލަށް އުންމީދު އައުކޮށްދެނިވި ގިނަ ވާހަކަފުޅުތަކެއް ޙިއްޞާކުރައްވާފައެވެ. އެގޮތުން، ޒުވާނުންނަށްޓަކައި ކުރިމަގަށް ކުރެއްވޭ އެންމެ ބޮޑު އުންމީދަކީ، ޑިޖިޓަލް އިޤްތިޞާދެއްގެ ގޮތުގައި ރާއްޖެ ކުރިއަރާ ދާއިރު، އެކަމުގައި ޒުވާނުންގެ ފަންނުވެރިކަމުގެ ފުރިހަމަ ޙިއްޞާވެސް އޮތުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި، މިހާރުވެސް ޒުވާނުން އެދާއިރާގައި އަދާކުރާ ދައުރު ބޮޑު ކަމަށާއި، ނަމަވެސް ހުރިހާ ގޮތަކުންވެސް މިކަމުގެ އެންމެ ކުރީގައި ޒުވާނުން ތިބުމަކީ އެމަނިކުފާނު އެދިވަޑައިގަންނަނަވާ ގޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ކުރިއަރާ ދާއިރު، ދިވެހި ކޮންމެ ޒުވާނަކީ، ދިވެހިވަންތަ، ފަޚްރުވެރި، އަދި އިސްލާމް ދީނަށް ލޯބިކުރާ މީހެއްގެ ގޮތުގައި ކުރިއަރާ ދިއުމަށްވެސް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

"ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރުކާރުގެ ފަރާތުން ޒުވާނުން އެންމެ އުންމީދުކުރާ ކަމަކީ ކޮބައިތޯ، ސުވާލުކުރައްވާފައެވެ. އަދި ޒުވާނުން ފާހަގަކުރެއްވި ކަންކަމަށް، އެ މަނިކުފާނުގެ ސަރުކާރުން ހޯއްދަވައިދެއްވާ ޙައްލުތަކުގެ ވާހަކަ، އެ މަނިކުފާނު ވަނީ ޙިއްޞާކުރައްވާފައެވެ.

އަދި އެ މަނިކުފާނަކީ ދެއްކުންތެރިކަމުގެ ނިޔަތުގައި އެއްޗެއް ވިދާޅުވާނެ ބޭފުޅެއް ނޫންކަމުގައި ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ، ޒުވާނުންނަށް ކޮށްދެއްވާނެކަމަށް ވިދާޅުވި ކަންކަން ކޮށްދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޒުވާނުންނަށް ޚާއްޞަކުރައްވައިގެން ކުރިއަށްގެންދެވި "ސްޕޮޓް އޮން" ޕޮޑްކާސްޓްގެ ފުރަތަމަ ޕްރޮގްރާމްގައި، ޒުވާނުންގެ ފަރާތުން 5 ސުވާލެއް އެމަނިކުފާނާ ވަނީ ކުރިމަތިކުރައްވާފައެވެ. އެ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާބުދެއްވިއިރު، އަދުގެ ޒުވާން ޖީލުގެ ބަސްމަގާއި ވާހަކަދެއްކުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ފަރިތަވެވަޑައިގެންފައިވާ މިންވަރު ވަޒަންކޮށްލުމުގެ ގޮތުން، ލުއި ސެގްމަންޓްތަކެއްވެސް މި ޕޮޑްކާސްޓުގައި ހިމަނުއްވާފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ހަޔާތްޕުޅުން އެންމެ ޒުވާން ދުވަސްވަރުގެ ގިނަ ހަނދާންތަކަކާއި ތަޖުރިބާތަކެއްވެސް މި ޕޮޑްކާސްޓްގައި އެ މަނިކުފާނު ވަނީ ޙިއްޞާ ކުރައްވާފައެވެ.