ޓްރަމްޕް ވިދާޅުވި ނަމަވެސް، ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރަށް ހިމާޔަތް ދޭން އެމެރިކާ އަދި ތައްޔާރެއް ނޫން
އިރާނުން ބަންދުކޮށްފައިވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ތެޔޮ އުފުލާ ބޯޓުފަހަރަށް އެމެރިކާގެ އަސްކަރިއްޔާއިން ހިމާޔަތް ދިނުމަށް ނުވަތަ އެސްކޯޓް ކުރުމަށް އަދި ތައްޔާރު ނޫން ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ބުރާސްފަތި ދުވަހު ސީއެންބީސީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
ކްރިސް ރައިޓް ވިދާޅުވި ގޮތުގައި އެމެރިކާގެ އަސްކަރީ ވަސީލަތްތައް މިވަގުތު އަމާޒުކޮށްފައިވަނީ އިރާނުގެ ހަމަލާދިނުމުގެ ގާބިލުކަމާއި، އެ ގައުމަށް ހަތިޔާރު ފޯރުކޮށްދޭ ސިނާއަތްތައް ނައްތާލުމަށެވެ.
"އަޅުގަނޑުމެން މިވަގުތު މިތިބީ ތައްޔާރަކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އިރާނުން މިސައިލް އުފެއްދުމާއި، ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ދާއިމީކޮށް ނައްތާލަން،" ރައިޓް ވިދާޅުވިއެވެ. އޭނާ އިތުރަށް ލަފާކުރެއްވި ގޮތުގައި މި ހަނގުރާމަ ދެމިގެންދާނީ މަދު ހަފުތާތަކަކަށެވެ.
Ads by BMLމި މައްސަލައާ ގުޅިގެން އިރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ދެއްވި ފުރަތަމަ ބަޔާނުގައި ވިދާޅުވީ، ހަނގުރާމަ ކުރިއަށްދާހާ ހިނދަކު ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަކީ ރައްޔިތުންގެ އެދުމެއް ކަމަށެވެ. އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެމެރިކާގެ މަނަވަރުތަކުން ތެޔޮ ބޯޓުފަހަރަށް ހިމާޔަތް ދޭން ފަށައިފިނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށާއި، އެއީ އެމެރިކާގެ ފައުޖުތަކަށް ހަމަލާދޭން ލިބޭ ފުރުސަތެއް ކަމަށް ސިފަކޮށްފައެވެ.
ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން 70 ޑޮލަރަށް ހުރި ތެޔޮ ފީފާއެއްގެ އަގު އާދީއްތަ ދުވަހު ވަނީ 120 ޑޮލަރަށް އަރާފައެވެ. މިހާރު ތެލުގެ އަގު އުޅެނީ 80 އާއި 100 ޑޮލަރާ ދެމެދުގައެވެ. މީގެ އިތުރުން އެމެރިކާގައި ޕެޓްރޯލް ލީޓަރެއްގެ އަގުވެސް ވަނީ މިދިޔަ މަހާ އަޅާބަލާއިރު ބޮޑުތަނުން އުފުލިފައެވެ.
މިދިޔަ ހަފުތާގައި ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ކަނޑުގެ ސިފައިން ބޯޓުފަހަރަށް ހިމާޔަތް ދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެނާޖީ ސެކްރެޓަރީ ރައިޓް ވިދާޅުވީ އެކަން މިވަގުތު ކުރެވެން ނެތް ކަމަށެވެ.
މި ހަފުތާ ކުރީކޮޅު އެމެރިކާގެ މަނަވަރަކުން ތެޔޮ ބޯޓަކަށް ހިމާޔަތް ދިން ކަމަށް ބުނެ ރައިޓް ކުރެއްވި ޕޯސްޓެއް ފަހުން ވަނީ ފޮހެލާފައެވެ. ވައިޓް ހައުސްއިން ފަހުން ކަށަވަރުކޮށްދިން ގޮތުގައި އެއީ ދޮގު މައުލޫމާތެކެވެ.
Ads by MACL
