ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔަހޫދީންނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން ގިނަ ބަޔަކު ހައްޔަރުކޮށްފި

ޔަހޫދީންނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން ގިނަ ބަޔަކު ހައްޔަރުކޮށްފި

އީރާނުގެ ދުޝްމަނުންނަށް މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި އެވެ. މީގެ ތެރޭގައި ސަލާމަތީ އަދި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކޮށް ޔަހޫދީންނަށް ފޯރުކޮށްދިން މީހުން ހިމެނޭ ކަމަށް އީރާނުން ބުނެއެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އިންޓެލިޖެންސް އިދާރާއިން ހާމަކުރި ގޮތުގައި، ވެރިރަށް ތެހެރާނުން 25 މީހަކު އަދި ހުޅަނގުގެ ސިޓީއެއް ކަމަށްވާ ހަމަދާނުން 8 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މި މީހުން ހައްޔަރުކުރީ "އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކުގެ ފޮޓޯއާއި މައުލޫމާތު އެއްކޮށް، ދުޝްމަނުންނަށް ފޮނުވި" ކަމުގެ ތުހުމަތުގައެވެ.

މީގެ އިތުރުން، އީރާނުގެ ފުލުހުންގެ ވެރިޔާ އަހުމަދު ރޭޒާ ރާދާން މި ހަފްތާގެ ކުރީކޮޅު ޕްރެސް ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އީރާނުގެ އެތެރޭގެ މައުލޫމާތު ދުޝްމަނުންނަށާއި ދެކޮޅުވެރި މީޑިއާތަކަށް ހިއްސާކުރި ކަމުގެ ތުހުމަތުގައި މިހާތަނަށް މަދުވެގެން 81 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި ހައްޔަރުކުރުންތަކަކީ އީރާނުގެ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތައް ހުއްޓުވުމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން ހިންގުނު އޮޕަރޭޝަންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.