އީރާނާ ދެކޮޅަށް ހަނގުރާމަ ކުރާތީ އިޒްރޭލުގައި މުޒާހަރާ ކުރަނީ
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލުމަށް ތަލް އަވީވްގެ ހަބީމާ މައިދާނަށް ނުކުމެ އިޒްރޭލުގެ އާންމު ރައްޔިތުން އެއްވެ މުޒާހަރާކޮށްފި އެވެ.
އަރަބި-އިޒްރޭލް ނޫސްވެރިއެއް ކަމަށްވާ ޔަނާލް ޖަބާރިން ސޯޝަލް މީޑިއާގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، މުޒާހަރާގެ ބައިވެރިން ދަނީ ހަނގުރާމައާ ދެކޮޅަށް އެކި ޝިއާރުތައް ފާޅުކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންނެވެ. އިޒްރޭލުގެ އާންމު ރައްޔިތުން މުޒާހަރާގައި ފާޅުކުރި ޝިއާރުތަކުގެ ތެރޭގައި "ސްކޫލް ކުދިންނަށް ހަމަލާދީ މެރުން ހުއްޓާލާ" އަދި "ޕައިލެޓުންނޭ، ބޮން އެޅުން ހުއްޓާލާ" ފަދަ ޝިއާރުތައް ހިމެނެއެވެ.
މި މުޒާހަރާ ބާއްވާފައި މިވަނީ ފާއިތުވި ހަފުތާތަކުގައި ބޭއްވި މިފަދަ އެއްވުންތައް ރޫޅާލައި، ބައެއް މީހުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ހަނގުރާމައާ ދެކޮޅަށް އިޒްރޭލުގެ ތެރެއިން ފެންނަމުންދާ މަދު ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
Ads by BMLއިޒްރޭލްގެ ޑިމޮކްރަސީ އިންސްޓިޓިއުޓުން މި މަހުގެ ކުރީކޮޅު ނެގި ހިޔާލު ހޯދުމުގެ ވޯޓަކުން ދައްކާގޮތުގައި، އެ ގައުމުގެ ޔަހޫދީންގެ 93 އިންސައްތަ މީހުން ހަނގުރާމައަށް ތާއީދުކުރެއެވެ. ނަމަވެސް، އިޒްރޭލުގައި ދިރިއުޅޭ އަރަބިންގެ ތެރެއިން ހަނގުރާމައަށް ތާއީދުކުރަނީ އެންމެ 26 އިންސައްތަ މީހުންނެވެ.
Ads by MACL
