ތަޖުރިބާކާރު ކުޅުންތެރިން ހިމަނައިގެން ގައުމީ ޓީމު އެކުލަވާލައި ފަރިތަކުރުންތައް ފަށައިފި
ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން، އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހިރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު އެކުލަވާލައި ފަރިތަކުރުންތައް ފަށައިފި އެވެ. ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ މި މެޗަށް ތައްޔާރުވުމަށް އެކުލަވާލާފައިވާ ޕްރިލިމިނަރީ ސްކޮޑް މިހާރު އިއުލާނުކޮށްފަ އެވެ.
ރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މި މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައެވެ. މި މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުން މިހާރު އަންނަނީ ކޯޗު އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުން ހެންވޭރު ބޯޅަ ދަނޑުގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
މިފަހަރުގެ ސްކޮޑުގައި ހިމެނޭ ފާހަގަކޮށްލެވޭ ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަލީ އަޝްފާޤް (ދަނގަޑޭ) އާއި މާޒިޔާގެ އަހުމަދު އައިހަމް އާއި އޮޑި ސްޕޯޓްސް ކުލަބުގެ އިބްރާހިމް ވަހީދު (އިއްބެ) ހިމެނެ އެވެ. މީގެ އިތުރުން އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު އާއި އަލީ ސާމިސްގެ އިތުރުން، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ފުޓްސަލް ތަރި އަލީ ހާފިޒު (ހާއްޕެ) ވެސް ވަނީ ސްކޮޑުގައި ހިމަނާފަ އެވެ.
Ads by BMLސްކޮޑުގައި ދެން ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ބުރު ސްޕޯޓްސް ކުލަބުގެ އަހުމަދު އަބްދުﷲ (ލިލީ)، ކުލަބު އީގަލްސްގެ މުހައްމަދު އަޝްވާން، ނިއުރޭޑިއަންޓުގެ މުހައްމަދު އިރުފާން އަދި މުހައްމަދު ނިޒާމް ހިމެނެއެވެ. މިއީ ގިނަ ދުވަސްތަކަކަށް ފަހު ރާއްޖޭގެ ގިނަ ކުލަބުތަކެއް ތަމްސީލުވާ ގޮތަށް ގައުމީ ސްކޮޑް އެކުލަވާލި ފުރަތަމަ ފަހަރެވެ.

މި ސްކޮޑް އެކުލެވިގެންވަނީ މާޒިޔާގެ 8 ކުޅުންތެރިން، ނިއުރޭޑިއަންޓުގެ 5 ކުޅުންތެރިން، އޮޑި ސްޕޯޓްސްގެ 5 ކުޅުންތެރިން، އީގަލްސްގެ 3 ކުޅުންތެރިން، ވިކްޓްރީގެ 3 ކުޅުންތެރިން އަދި ބުރު ސްޕޯޓްސް ކުލަބުގެ 2 ކުޅުންތެރިންގެ މައްޗަށެވެ. މިއީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ އެންމެ ފަހު މެޗެވެ.
މި ދެ ޓީމު މިދިޔަ އަހަރުގެ ޖޫން މަހު އޮސްޓްރޭލިއާގައި ބައްދަލުކުރި އަވޭ މެޗުން ޓިމޯ ލެސްޓޭ ވަނީ 2-0 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. އެހެންކަމުން އަމިއްލަ ދަނޑުގައި ކުޅޭ މި މެޗަކީ ރާއްޖެއަށް ނަތީޖާ ބަދަލުކޮށްލަން ލިބޭ މުހިންމު ފުރުސަތެކެވެ.
Ads by MACL
