ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޝްރޫއުތައް ފަށަން އާރުޑީސީއަށް 150 މުވައްޒަފުން ހޯދަނީ

އާރްޑީސީ މުވައްޒަފުން މަގުހެދުމުގެ މަސައްކަތުގައި. ފޮޓޯ/އާރްޑީސީ
އާރްޑީސީ މުވައްޒަފުން މަގުހެދުމުގެ މަސައްކަތުގައި. ފޮޓޯ/އާރްޑީސީ

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) މެދުވެރިކޮށް ރަށްރަށުގައި ހިންގާ ތަފާތު މަޝްރޫއުތައް ފެށުމަށްޓަކައި، ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފިއެވެ.

އެކި ރަށްރަށުގެ ސައިޓުތަކަށް ބޭނުންވާ 150 ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.

އާރުޑީސީން މުވައްޒަފުން ހޯދުމަށް އިއުލާންކޮށްފައިވަނީ ހަ ރަށަކަށެވެ. އެ ރަށްތަކަކީ ހއ. އުލިގަން، އއ. ރަސްދޫ، ޅ. ނައިފަރު، ކ. ކާށިދޫ، ޅ. ހިންނަވަރު އަދި ތ. މަޑިފުށި އެވެ. މި ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަންޖެހެ އެވެ.

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ، 150 މުވައްޒަފުން ހޯދަނީ އެކިއެކި މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ވީހާވެސް ބޮޑަކަށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

 "ބިދޭސީން އަޅުގަނޑުމެން ނަގަނީ ވީހާ ވެސް ބޮޑަކަށް ދިވެހިން ލިބޭތޯ ބަލާފައި. ބޭނުންވާ އަދަދަށް ދިވެހިން ނުލިބިއްޖިއްޔާ ބިދޭސީންނާ ދިމާލަށް އަޅުގަނޑުމެން ދަނީ،" ނަޒީމް ވިދާޅުވި އެވެ.

ނަޒީމް އިތުރަށް ވިދާޅުވި ގޮތުގައި އެކި ރަށްރަށުގެ މަގުތައް ހެދުމުގެ އިތުރުން ވެސް އެކިއެކި މަޝްރޫއުތައް ނިންމަން އާރުޑީސީއާ ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. ބައެއް ރަށްރަށުގައި އެއްފަހަރާ ފަސް މަޝްރޫއުވެސް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
 "އެއްފަހަރާ 150 މީހުން ހޯދަން އިއުލާން ކުރީމާ ބޮޑުކޮށް ފެނުނަސް އެއީ ހަމަ މަޝްރޫއުތަކަށް ބޭނުންވާ އަދަދު،" އޭނާ ވިދާޅުވިއެވެ.

ވަކިވަކިން ކޮށްފައިވާ އިއުލާންތަކަށް ބަލާއިރު، އެންމެ ގިނަ މުވައްޒަފުން ހޯދަނީ އުލިގަމާއި ރަސްދުއަށެވެ. އެއިން ކޮންމެ ރަށަކަށް 50 މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ. މީގެ އިތުރުން ކާށިދޫން 24 މުވައްޒަފުން، މަޑިފުށިން 13 މުވައްޒަފުން، ނައިފަރުން 12 މުވައްޒަފުން އަދި ހިންނަވަރުން އެއް މުވައްޒަފަކު ހޯދުމަށް ވަނީ ހުޅުވާލާފަ އެވެ.