ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕެރަލިމްޕިކްސްގައި ރަޝިޔާގެ ދިދަ އާއި ގައުމީ ސަލާމް ބޭނުންކުރުމުގެ ދިފާއުގައި އެގައުމުގެ ކުޅިވަރާ ބެހޭ ވަޒީރު ވާހަކަދައްކަވައިފި

ރަޝިޔާގެ ކުޅިވަރާ ބެހޭ ވަޒީރު މިޚައިލް ދެގްތިޔަރޭވް
ރަޝިޔާގެ ކުޅިވަރާ ބެހޭ ވަޒީރު މިޚައިލް ދެގްތިޔަރޭވް

މިލާން-ކޯޓީނާ ވިންޓަރ ޕެރަލިމްޕިކްސްގައި 2014 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ރަޝިޔާގެ ގައުމީ ދިދައާއި ގައުމީ ސަލާމް ބޭނުންކުރުމުގެ ހުއްދަ ދިނުމާ ގުޅިގެން ޔޫކްރެއިންނާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ފާޑުކިޔަމުންދަނިކޮށް، ރަޝިޔާގެ ކުޅިވަރާ ބެހޭ ވަޒީރު މިޚައިލް ދެގްތިޔަރޭވް އެ ނިންމުން ދިފާއުކުރައްވައިފި އެވެ.

ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރަޝިޔާއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް، މި ފަހަރުގެ މުބާރާތުގައި ރަޝިޔާގެ ހަ އެތުލީޓަކަށް އެގައުމުގެ ދިދައިގެ ދަށުން ވާދަކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. މި ނިންމުމާ ގުޅިގެން ކީވްއާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އޭއެފްޕީއަށް ދެއްވި ބަޔާނެއްގައި ދެގްތިޔަރޭވް ވިދާޅުވީ، ބައިނަލްއަގުވާމީ މުބާރާތްތަކުގައި އަބަދުވެސް ގިނަ ބައެއްގެ ތާއީދު ރަޝިޔާއަށް އޮންނަ ކަމަށެވެ.

 "ރަޝިޔާގެ ދިދަ އުފުލާލައި، ގައުމީ ސަލާމް ޖަހާއިރު އެއްވެސް މީހަކަށް އެކަމަކުން އުނދަގުލެއް ނުވާނެ،" ރަޝިޔާގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަންވެސް ކުރައްވާ ވަޒީރު ވިދާޅުވިއެވެ.

މުބާރާތުގެ ތެރޭގައި ޖަރުމަނުގެ އެތުލީޓުންތަކެއް ރަޝިޔާގެ އެތުލީޓުންނަށް މޫނު އަނބުރާ، ފުރަގަސްދިން ހާދިސާއާ ގުޅިގެން އޭނާ ވިދާޅުވީ އެއީ ވަރަށް ދަށު ދަރަޖައިގެ، ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް އެއީ ވަކި ބަޔަކު ކުރި ކަމެއް ކަމަށާއި، ރަޝިޔާ ބޮއިކޮޓް ކުރަން އުޅެނީ މަދު ބައެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިހާތަނަށް ރަޝިޔާގެ އެތުލީޓުން ވަނީ ނުވަ މެޑަލް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ފަސް ރަން މެޑަލް ހިމެނޭއިރު، އެގައުމު އޮތީ މެޑަލް ތާވަލުގެ ފަސްވަނައިގަ އެވެ. މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައެއް ބެލުންތެރިން ރަޝިޔާ ޓީމަށް މަލާމާތްކޮށްފައިވާއިރު، ޔޫކްރެއިންނާއި ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ މުބާރާތް ބޮއިކޮޓްކޮށްފަ އެވެ.

އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ރަޝިޔާއާއި ބެލަރޫސްގެ އެތުލީޓުންނަށް ގައުމީ ދިދައިގެ ދަށުން ވާދަކުރުމުގެ ހުއްދަ ދިނުމުން ޔޫކްރެއިންނުން ވަނީ އެއީ "ހަނގުރާމައިގެ ޕްރޮޕަގަންޑާއަށް ޖާގަ ދިނުން" ކަމަށް ބުނެ އެކަން ކުށްވެރިކޮށްފައެވެ.

ޑޯޕިން މައްސަލައަކާ ގުޅިގެން 2018 އިން ފެށިގެން ރަޝިޔާ އޮތީ މުބާރާތްތަކުން ސަސްޕެންޑްކޮށްފަ އެވެ.