ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕްރިމިއާ ލީގު: ނިއުކާސަލް އަތުން ބަލިވެ، ޗެލްސީއަށް އިތުރު މާޔޫސްކަމެއް

ޗެލްސީ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުކާސަލް ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އަރަބިނިއުސް
ޗެލްސީ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން: ނިއުކާސަލް ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އަރަބިނިއުސް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހު ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުން 1-0 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެ، ޗެލްސީއަށް ހަތަރު ދުވަސް ތެރޭގައި ދެވަނަ ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. މި މެޗުން ނިއުކާސަލް މޮޅުވީ ފުރަތަމަ ހާފުގައި އެންތަނީ ގޯޑަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން 5-2 އިން ބަލިވި މެޗަށްފަހު، ލިއަމް ރޮސެނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީގެ ޑިފެންސްލައިނުން މި މެޗުގައި ވެސް ބަލިކަށިކަން ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. މެޗުގެ 18 ވަނަ މިނެޓުގައި ނިއުކާސަލްގެ ޖޯ ވިލޮކް، ތަނަވަސްކޮށްދިން ފުރުސަތެއްގައި ގޯޑަން ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

ފުރަތަމަ ހާފު ނިމުމުން ޗެލްސީގެ ސަޕޯޓަރުން ވަނީ ޓީމުގެ ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ދެވަނަ ހާފުގައި ކުޅެން އަރައި ޗެލްސީން ކުޅުން ވަރުގަދަކޮށް ގިނަ ފުރުސަތުތަކެއް އުފެއްދި ނަމަވެސް، ނިއުކާސަލްގެ ވަރުގަދަ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޗެލްސީގެ ކެޕްޓަން ރީީސް ޖޭމްސް ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ ދަނޑީއަށް ވަނީ އަމާޒުވެފަ އެވެ.

މި ބައްޔާއެކު ޗެލްސީ އޮތީ ތާވަލުގެ ފަސްވަނަ މަގާމުގަ އެވެ. ނަމަވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޖާގައަކަށް ވާދަކުރާ މެންޗެސްޓާ ޔުނައިޓެޑާއި، އެސްޓަން ވިލާ އަދި ލިވަޕޫލް އާދިއްތަ ދުވަހު މެޗުތައް ކުޅޭނެ އެވެ. އަނެއްކޮޅުން 2012 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސްޓެމްފޯޑް ބްރިޖްގައި މޮޅުވި ނިއުކާސަލް ވަނީ ތާވަލުގެ ނުވަވަނަ މަގާމަށް ކުރިއަށް ޖެހިލާފަ އެވެ.

ޗެލްސީގެ ކޯޗު ރޮސެނިއޯއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗަށް ކުޅުންތެރިންގެ ކޮންބިނޭޝަން ރަނގަޅުކޮށް ކުޅޫންތެރިންގެ މެދުގައި މެޗާއި މެދު އޮތް ރޫހު އާލާކުރު މެވެ.

އެ މެޗަށް ޗެލްސީ ނުކުންނައިރު، އެޓީމު ފުރަތަމަ ލެގުގައި ޕީއެސްޖީ އަތުން 5-2 ގެ ނަތީޖާއިން ވަނީ ބަލިވެފަ އެވެ. ދެވަނަ ލެގަށް ނުކުންނައިރު، ޗެލްސީއަށް އޮން އެންމެ ބޮޑު ގޮންޖެހުމަކީ ތިން ލަނޑުގެ ފަރަގަކުން ބަލިވެފައި އޮތުމެވެ. ޗެލްސީ ޕީއެސްޖީއާއި އެކު ކުޅޭ ދެވަނަ ލެގުގެ މެޗަށް ނުކުންނާނީ ބުދަ ދުވަހު ގައެވެ.

ޗެލްސީ އަތުން މޮޅުވި ނިއުކާސަލް ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ބުދަ ދުވަހު ރަށުން ބޭރުގައި ބާސެލޯނާއާއި ދެކޮޅަށް ނުކުންނާނެ އެވެ.