ހަނގުރާމައިގަ އީރާނަން ތާއީދުކުރި ބަހްރޭނުގެ މަޝްހޫރު ފުޓްބޯޅަ ތަރި، މިރްޒާ ހިމެނޭހެން 6 މީހަކު ހައްޔަރުކޮށްފި
އީރާނުން ދާދި ފަހުން ދިން ހަމަލާތަކަށް ސޯޝަލް މީޑިއާގައި ތާއީދުކޮށް، ވާހަދެއްކި ކަމުގެ ތުހުމަތުގައި ބަހްރޭނުގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު މިރްޒާ މޫސާ ހިމެނޭހެން ހަ މީހަކު އެ ގައުމުގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ބަހްރޭނުގެ ގައުމީ ޓީމަށާއި އަލް-ޚާލިދިއްޔާ ކްލަބަށް ކުޅެމުންދާ އުމުރުން 35 އަހަރުގެ އަހުމަދު މިރްޒާ އާއި އެހެން ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. މިކަން އެ ގައުމުގެ ބައެއް މީޑިއާ ތަކުންނާއި 'އޮކާޒް' ނޫހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ބަހްރޭނުގެ މިނިސްޓްރީ އޮފް އިންޓީރިއާ އިން ހާމަކުރި ގޮތުގައި، އެންޓި-ސައިބަރ ކްރައިމް ޑައިރެކްޓްރޭޓުން ހައްޔަރުކުރި މި މީހުންނަކީ އީރާނުގެ ހަމަލާތަކާ ގުޅިގެން ވީޑިއޯތައް އުފައްދައި، އީރާނަށް ހަމްދަރުދީ ފާޅުކޮށް، އެ ގައުމުގެ ދުޝްމަން އަމަލުތަކަށް ތާއީދުކުރި މީހުންނެވެ. މި ވީޑިއޯތަކުގެ ސަބަބުން އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ގައުމުގެ އަމަންއަމާންކަމަށް ބުރޫއަރާފާނެ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
Ads by BMLބަހްރޭން ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހައްޔަރުކުރެވުނު ހަ މީހުން މިހާރު ވަނީ ދައުވާކުރަން ފޮނުވާފަމއެވެ. ސަރުކާރުން ވަނީ ރަސްމީ މަސްދަރުތަކުން ލިބޭ މައުލޫމާތަށް ނޫނީ އިތުބާރު ނުކުރުމަށާއި، ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ޚަބަރުތަކާއި ވީޑިއޯތައް ފެތުރުމުން ދުރުހެލިވުމަށް އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
އަހުމަދު މިރްޒާ މޫސާ އަކީ 2021 ވަނަ އަހަރުގެ އަރަބް ކަޕް ހިމެނޭހެން ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ބަހްރޭން ތަމްސީލުކޮށްފައިވާ ކުޅުންތެރިއެކެވެ. އޭނާ ވަނީ އަލް-ޚާލިދިއްޔާގެ އިތުރުން ބަހްރޭނުގެ މަޝްހޫރު ކްލަބްތައް ކަމަށްވާ އަލް-ހިއްދު އަދި އަލް-މަނާމާ އަށް ވެސް ކުޅެފައެވެ.
Ads by MACL
