ހުރިހާ ރައްޔިތުން ނުކުމެ އިންތިޚާބުތަކުގައި ޕީއެންސީއަށް ބޮޑު މެޖޯރިޓީއެއް ދެއްވާ: މެންބަރު ސިނާން
ކުރިއަށް އޮތް ތިން އިންތިޚާބުގައިވެސް ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ބޮޑުތަނުން މެޖޯރިޓީއެއް ދެއްވައި، އިންތިޚާބުތައް ކާމިޔާބުކޮށްދެއްވުމަށް އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު ސިނާން (ސިނާ) އިލްތިމާސް ކުރައްވައިފި އެވެ.
މެންބަރު ސިނާ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޝްރަހު މިއަދު ފެންނަނީ މުޅިން އައު ހަރުފަތަކަށް ގޮސްފައިވާ މަންޒަރު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށްޓަކައި ގެންގުޅުއްވާ އިޚްލާސްތެރި ސިޔާސަތުތައް ހާސިލްކުރުމަށްޓަކައި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް ދިނުން މިއަދު މުހިއްމު ކަމަށެވެ. ރައީސް މުޢިއްޒު ދިވެހި ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ މަސައްކަތްތަކަކީ ނުހަނު މުހިންމު ކަންތައްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނުގެ ހުރިހާ ރައްޔިތުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވައި، ސަރުކާރަށް ފުރިހަމަ ތާއީދެއް ދެއްވުމަށް ސިނާ އެދިވަޑައިގަތެވެ. "އަޅުގަނޑުގެ އެދުމަކީ ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ޕީއެންސީގެ ކުރިއަށް މިއޮތް އިންތިޙާބުތަކަށް ބޮޑުތަނުން މެޖޯރިޓީދެއްވައި ކާމިޔާބު ކޮށްދެއްވުމަށް" މެންބަރު ވިދާޅުވިއެވެ.
ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުން އިންތިޚާބުތަކުން ފެނިގެންދިއުމަކީ ގައުމުގެ ކުރިމަގަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި މެންބަރު ސިނާ ސިފަކުރެއްވިއެވެ. އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުތަކުގައި، ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވެސް ވަނީ ނިންމާފައެވެ.
މި ނިންމުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ޑރ. މުއިއްޒު ގެންގުޅުއްވާ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކުގެ ބައެކެވެ. މި ބަދަލުގެ މައިގަނޑު މަގްސަދަކީ ބަޖެޓުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑު ހޭދަ ކުޑަކޮށް، އިދާރީ މަސައްކަތްތައް ލުއިކުރުމެވެ.
އެއް ދުވަހެއްގައި ތިން އިންތިޚާބެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ދަނީ ބޭނުންވާ އިދާރީ އިންތިޒާމުތައް ފުރިހަމަކޮށް، އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރަމުންނެވެ.
Ads by MACL
