ޤާނޫނު އަސާސީއަށް މުހިންމު ތިން އިޞްލާޙެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި
މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި، ޤާނޫނުއަސާސީއަށް މުހިންމު ތިން އިޞްލާޙެއް ހުށަހެޅުމަށް ސަރުކާރުން ނިންމަވާފައިވާކަން ބަންޑާރަ ނައިބު އަޙްމަދު އުޝާމް ހާމަކުރައްވައިފި އެވެ.
ބަންޑާރަ ނައިބު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީގައި އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމީ އެންމެންވެސް ޤަބޫލުކުރާ ހަޤީޤަތެއް ކަމަށެވެ.
ސަރުކާރުން ހުށަހަޅާ މައިގަނޑު ތިން އިޞްލާޙު
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ތިން އިޞްލާޙަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު އިތުރުވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
މި އިސްލާހުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމުގެ އިސްލާހުގެ މަސައްކަތް މިވަގުތު އިސްކަންދީގެން ކުރިއަށްގެންދާ ސަބަބު ބަންޑާރަ ނައިބު ވަނީ ތަފްޞީލުކޮށްދެއްވާފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ ޢަމަލުކުރަން ފެށުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ޤާނޫނުއަސާސީން ސީދާ ލާޒިމްކުރާ އިޞްލާޙެކެވެ. ނަމަވެސް ދެން ހުރި އިޞްލާޙުތަކަކީ އެފަދަ ވޯޓެއް ބޭނުންވާ ކަންކަމެއް ނޫންކަން އުޝާމް ފާހަގަކުރެއްވި އެވެ.
ޚަރަދު ކުޑަކުރުމަށް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކުރުން
އުޝާމް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަކީ ދައުލަތުގެ ބަޖެޓުން ބޮޑު ޚަރަދެއް ސަލާމަތްކުރެވޭނެ ކަމެއް ކަމަށެވެ.
"މުޅި ރާއްޖޭގައި މިފަދަ ވޯޓެއް ވަކިން ބާއްވާނަމަ އެންމެ ކުޑަމިނުން 80 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ. ކައުންސިލް އިންތިޚާބާއެކު މިވޯޓު ބާއްވާނަމަ އެތައް ގުނައެއް ޚަރަދު ކުޑަވެ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ،" ބަންޑާރަ ނައިބު ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅަން ނިންމާފައިވާ އަނެއް ދެ އިޞްލާޙުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، މާލަސްތަކެއް ނުވެ އެ ކަންކަން ވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވި އެވެ. މި އިޞްލާޙުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ދިމިޤްރާޠީ ނިޒާމު ހަރުދަނާކުރުމަށް އަޅުއްވާ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ބެލެވެ އެވެ.
Ads by BML
Ads by MACL
