ހުޅުމާލެ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތް؛ ރައްޔިތުން ދައްކުވައިދިނީ ސަރުކާރާއެކު ސާބިތުވެ ތިބިކަން
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕޭނުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) އިން މިއަދު ކުރިއަށްގެންދިޔަ ހުޅުމާލެ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުމާލެ އުތުރު ދާއިރާގައި ހިމެނޭ ހިޔާ ފްލެޓްތަކުގެ އެކި އެޕާޓްމަންޓްތަކަށް ޒިޔާރަތް ކުރައްވައި، އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންގެ ޙާލު ބައްލަވައިލައްވާފަ އެވެ.
މި ޒިޔާރަތުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ސަރުކާރުން ގެންގުޅުއްވާ ތަސައްވުރާއި ބައެއް ވިސްނުންތައް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ.
Ads by BMLމީގެ އިތުރުން، މަގުމަތީން ބައްދަލުވި ގިނަ އަދަދެއްގެ އާންމުންނާ ސަލާމް ކުރައްވައި، އެ ފަރާތްތަކުގެ ޝަކުވާތައް ވެސް ރައީސް ވަނީ އަޑުއައްސަވާފަ އެވެ. ރައްޔިތުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅިގެން ކޮށްދެވެން އޮތް ކަންކަން ކޮށްދެއްވާނެ ކަމަށާއި، އެކަންކަން ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވައި ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވި އެވެ. މި ހަރަކާތުގެ ތެރެއިން ހުޅުމާލެ އުތުރު ދާއިރާގެ ގިނަ ރައްޔިތުން ވަނީ ސަރުކާރާއެކު ތިބިކަން ހާމަކޮށްފަ އެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ހިޔާ ޓަވަރުތަކުގައި ލިފްޓް ހަރުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވެސް ބައްލަވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި، މާލޭގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސްކަމަށް ވާދަކުރާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން، އެ ދާއިރާގެ މަޤާމްތަކަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނާއި، ދައުލަތުގެ ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން ކެމްޕޭނުގެ ހަރަކާތްތައް މުޅި ރާއްޖޭގައި ވަރުގަދައަށް ކުރިއަށްގެންދާއިރު، މިހާތަނަށް ގިނަ ގޮނޑިތަކެއް އެ ޕާޓީއަށް ވަނީ ކަށަވަރުވެފައެވެ. އެގޮތުން ކައުންސިލްތަކުގެ 28 ގޮނޑިއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ 41 ގޮނޑިއާއެކު، އިންތިޚާބަކާ ނުލައި ޖުމްލަ 69 ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ވަނީ ކާމިޔާބުކޮށްފަ އެވެ.
Ads by MACL
