ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕްރިމިއާ ލީގު: އެސްޓަން ވިލާ ބަލިކޮށް މެންޗެސްޓަރ ޔުނައިޓެޑުން ތާވަލުގެ ތިންވަނައިގައި ހަމަޖެހިލައިފި

އެސްޓަން ވިލާ އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅު ކުރަނީ: ފޮޓޯ: ރޮއިޓްސް
އެސްޓަން ވިލާ އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން ޔުނައިޓެޑުގެ ކުޅުންތެރިން ލަނޑުޖެހުމަށް ފަހު އުފާފާޅު ކުރަނީ: ފޮޓޯ: ރޮއިޓްސް

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ވާދަވެރި އެސްޓަން ވިލާ 3-1 އިން ބަލިކޮށް، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް މެންޗެސްޓަރ ޔުނައިޓެޑުން ކުރަމުންދާ މަސައްކަތުގައި މުހިންމު މޮޅެއް ހޯދައިފިއެވެ.

އާދީއްތަ ދުވަހު އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުން މޮޅުވުމާއެކު، ތާވަލުގެ ތިންވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ ހަތަރުވަނައިގައި އޮތް ވިލާއަށްވުރެ ތިން ޕޮއިންޓުގެ ކުރިލިބިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. ނަމަވެސް، ދެވަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑޭސް ނަގައިދިން ކޯނަރަކުން ކަސެމީރޯ ވަނީ ބޮލުން ގޯލެއް ކާމިޔާބުކޮށް ޔުނައިޓެޑަށް ކުރިހޯދައިދީފަ އެވެ. މި ސީޒަނަށްފަހު ކަސެމީރޯ ކްލަބް ދޫކޮށްލާނެ ކަމަށް ބެލެވޭއިރު، ސަޕޯޓަރުން ވަނީ އޭނާ މަޑުކުރުމަށް އެދި އަޑުއުފުލާފަ އެވެ.

ވިލާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގަ އެވެ. 14 މަސް ދުވަހަށްފަހު ލީގުގައި ފުރަތަމަ ފަހަރަށް ފެށި ރޮސް ބާކްލީ ވަނީ ޔުނައިޓެޑުގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. ނަމަވެސް، 71 ވަނަ މިނެޓުގައި މެތިއަސް ކޫންހާ ވަނީ ފެނާންޑޭސް ތަނަވަސްކޮށް ދިން ފުރުސަތަކުން އަލުން ޔުނައިޓެޑަށް ކުރިހޯދައިދީފަ އެވެ. މެޗުގެ ފަހު ގޯލު 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބެންޖަމިން ސެސްކޯ އެވެ.

މި މެޗުގައި ދެ އެސިސްޓް ހެދުމާއެކު، ކެޕްޓަން ބްރޫނޯ ފެނާންޑޭސް ވަނީ 1999-2000 ސީޒަނުގައި ޑޭވިޑް ބެކަމް ހަދާފައިވާ ރެކޯޑު މުގުރާލާފަ އެވެ. ފެނާންޑޭޒސް މިހާރު ވަނީ މި ސީޒަނުގެ ލީގުގައި 16 އެސިސްޓް ހަމަކޮށްފަ އެވެ. މެޗަށްފަހު ވާހަކަދައްކަމުން ފެނާންޑޭސް ބުނީ ޓީމުގެ ކުޅުންތެރިންނަށް އެހީތެރިވެދެވުމުން ވަރަށް އުފާވާ ކަމަށާއި، އެހެން މީހުންނަށް އުފާވެރިކަން ގެނެސްދިނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

މިއީ ވަގުތީ ކޯޗު މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން ކުޅުނު 9 މެޗުގެ ތެރެއިން ޔުނައިޓެޑް ހޯދި 7 ވަނަ މޮޅެވެ. ރޫބެން އަމޮރިމް ވަކިކުރުމަށްފަހު ކެރިކް ޓީމާ ހަވާލުވެ ދައްކަމުންދާ މޮޅު ކުޅުމަށް ކްލަބުގެ ކޯ-އޯނަރު ޖިމް ރެޓްކްލިފް ވަނީ ތައުރީފުކުރައްވާފަ އެވެ. ނަމަވެސް، އޭނާއަށް ދާއިމީ ވަޒީފާއެއް ދިނުމާ މެދު ކްލަބުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މި ނަތީޖާއާއެކު އެސްޓަން ވިލާ ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުންވެސް ބަލިވެފަ އެވެ. ނަމަވެސް އެ ޓީމު އޮތީ ފަސްވަނައިގައި އޮތް ޗެލްސީއަށްވުރެ ތިން ޕޮއިންޓު ކުރީގަ އެވެ. ލީގު ނިމެން އަށް މެޗު ބާކީ އޮތްއިރު، ޔޫރަޕުގެ މުބާރާތްތަކުން ޖާގަ ހޯދުމުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފަ އެވެ.