ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަނގުރާމައިގެ ސަބަބުން، ގަތަރުގަ ބާއްވަން އޮތް ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ 'ފައިނަލިސިމާ' މެޗު ކެންސަލްކޮށްފި

ހަނގުރާމައިގެ ސަބަބުން، ގަތަރުގަ ބާއްވަން އޮތް ސްޕެއިން އާއި އާޖެންޓީނާ ބައްދަލުކުރާ 'ފައިނަލިސިމާ' މެޗު ކެންސަލްކޮށްފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މި މަހުގެ ފަހުކޮޅު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ސްޕެއިން އާއި އާޖެންޓީނާގެ 'ފައިނަލިސިމާ' މެޗު ކެންސަލްކޮށްފައިވާ ކަމަށް ޔޫއެފާއިން އާދީއްތަ ދުވަހު ބުނެފި އެވެ.

ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި ކޮޕާ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާ މި ފޯރިގަދަ މެޗު ބޭއްވުމަށް ކުރިން ތާވަލުކޮށްފައި އޮތީ މި މަހުގެ 27 ވަނަ ދުވަހު ގަތަރުގެ ލުސައިލް ސްޓޭޑިއަމްގަ އެވެ. ޔޫއެފާއިން ހާމަކުރި ގޮތުގައި، ގަތަރުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، ސަރަހައްދުގެ މަސްލަހަތު މިހާރު އޮތް ގޮތުން މި މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ނިންމާފަ އެވެ.

ޔޫއެފާގެ ބަޔާނުގައި ބުނެފައިވަނީ، މިފަދަ ޝަރަފުވެރި މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ދެ ޓީމަށް ގެއްލިގެން ދިއުމަކީ ޔޫއެފާ އާއި އިންތިޒާމުކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު މާޔޫސްކަމެއް ކަމަށެވެ. މެޗު ބޭއްވޭނެ އެހެން ގޮތްތަކެއް ހޯދުމަށް ޔޫއެފާއިން މަސައްކަތް ކުރި ނަމަވެސް، އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން އެ ހުށަހެޅުންތަކަށް އެއްބަސްވެފައެއް ނުވެ އެވެ.

މެޗު ބޭއްވުމަށް ޔޫއެފާއިން އެންމެ ފުރަތަމަ ހުށަހެޅީ ސްޕެއިންގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި، ދެ ގައުމުގެ ސަޕޯޓަރުންނަށް ހަމަހަމަ ފުރުސަތު ލިބޭ ގޮތަށެވެ. އެއަށްފަހު ދެވަނަ ޗޮއިސެއްގެ ގޮތުން ހުށަހެޅީ ދެ ލެގަށް ބަހާލައިގެން، ފުރަތަމަ މެޗު ބާނަބިއުގައި އަދި ދެވަނަ މެޗު ބުއެނޯސް އައިރީޒްގައި ކުޅުމަށެވެ. ނަމަވެސް އޭއެފްއޭ އިން މި ދެ ގޮތްވެސް ގަބޫލެއް ނުކުރި އެވެ.

އާޖެންޓީނާއިން ހުށަހެޅީ ވޯލްޑް ކަޕަށްފަހު މެޗު ކުޅުމަށެވެ. ނަމަވެސް ސްޕެއިންގެ ޝެޑިއުލް ހުރި ގޮތުން އެ މުއްދަތުގައި މެޗު ކުޅެވޭނެ ތާރީޚެއް ނެތުމުން، އެންމެ ފަހުން މެޗު ކެންސަލް ކުރަން ޖެހުނީ ކަމަށް ޔޫއެފާއިން މައުލޫމާތުދެ އެވެ.