ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން މެކްސިކޯގެ މާސެލް ރޫއިޒްއަށް ވޯލްޑް ކަޕް ގެއްލިއްޖެ
މި އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނަ މެކްސިކޯގެ ގައުމީ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށް ވާ މިޑްފީލްޑަރު މާސެލް ރޫއިޒްގެ ކަކުލުގެ ލިގަމެންޓަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.
ރޫއިޒް ކުޅޭ ކްލަބް ކަމަށްވާ ޓޮލޫކާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮންކާކަފް ޗެމްޕިއަންސް ކަޕްގައި އެމްއެލްއެސްގެ ސެން ޑިއޭގޯ އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރޫއިޒްގެ ކަނާތު ކަކުލުގެ އޭސީއެލް އަދި މެނިސްކަސް ވީދައިގެން ގޮސްފައިވާ ކަމަށެވެ. މި އަނިޔާގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އޭނާ ސާޖަރީއެއް ކުރަން ޖެހޭނެ ކަމަށްވެސް ކްލަބުން ބުނެފައިވެ އެވެ.
އުމުރުން 25 އަހަރުގެ ރޫއިޒް އަކީ މެކްސިކޯގެ ކޯޗު ހަވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން މި އަހަރު ކުޅުނު ތިން މެޗުގައި ވެސް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު، ވޯލްޑް ކަޕް ސްކޮޑުން ޔަގީނުން ވެސް ޖާގަ ލިބޭނެ ކަމަށް ބެލެވުނު ކުޅުންތެރިއެކެވެ. މިއީ މެކްސިކޯ ޓީމަށް މި ހަފުތާގައި ލިބުނު ދެވަނަ ބޮޑު ގެއްލުމެވެ. މީގެ ކުރިން ކްލަބް އެމެރިކާގެ ކީޕަރު ލުއިސް އަންހެލް މަލަގޯންގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާއަށް ވެސް ވަނީ ވޯލްޑް ކަޕް ގެއްލިފަ އެވެ.
Ads by BMLމީގެ އިތުރުން މެކްސިކޯގެ މުހިންމު އެހެން ކުޅުންތެރިން ކަމަށްވާ އެޑްސަން އަލްވަރޭޒް، ރޮޑްރިގޯ ހުއެސްކާސް، ސީޒާ މޮންޓޭސް އަދި ސީޒާ ހުއެރްޓާ ފަދަ ކުޅުންތެރިން ވެސް މިވަގުތު ތިބީ ކުދި އަނިޔާތަކުން ސަލާމަތްވުމުގެ މަރުހަލާގައެވެ. މިއާއެކު ވޯލްޑް ކަޕަށް މެކްސިކޯއިން އެކުލަވާލާ ސްކޮޑާ މެދު މިހާރު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.
މެކްސިކޯއިން ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން މި މަހުގެ 28 ގައި ޕޯޗުގަލްއާ ދެކޮޅަށް އަދި 31 ގައި ބެލްޖިއަމްއާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެމެރިކާ އަދި ކެނެޑާއާއެކު މެކްސިކޯއިން ހޯސްޓްކުރާ މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ޖޫން 11 ވަނަ ދުވަހު އެ ގައުމުން ނުކުންނާނީ ދެކުނު އެފްރިކާއާ ދެކޮޅަށެވެ.
Ads by MACL
