ފާއިތުވި ދެ ހަފުތާ ތެރޭ ރާއްޖެއައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު 128 އަށް، މިއީ 166 އިންސައްތައިގެ ކުރިއެރުމެއް
ރާއްޖެއަށް އައި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ފާއިތުވި ދެ ހަފުތާ ތެރޭގައި ދެގުނައަށްވުރެ އިތުރުވެފައިވާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިއްސާކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް 128 ޕްރައިވެޓް ޖެޓު ވަނީ ދަތުރުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 166 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 70 ޕްރައިވެޓް ޖެޓެވެ. އަދި މިދިޔަ އަހަރުގެ މާރިޗު މަހުގެ ފުރަތަމަ ދެ ހަފުތާ ތެރޭގައި އެވްރެޖުކޮށް ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު 5 ޖެޓެވެ. އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނައިންވެސް އައިސްފައިވަނީ 9 ޖެޓެވެ. ނަމަވެސް މިއަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ދެ ހަފުތާގައި އެވްރެޖުކޮށް ދުވާލަކު 12 އަށްވުރެ ގިނަ ޖެޓު ރާއްޖެއަށް އާދެއެވެ. މިގޮތުން މި މަހުގެ 3 ވަނަ ދުވަހު އެކަނިވެސް 18 ޖެޓު ރާއްޖެއަށް އައިސްފައިވެއެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު
ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުތަކުގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކަމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން ފާހަގަކުރެއެވެ. އެ ޖަމްޢިއްޔާއިން ވިދާޅުވި ގޮތުގައި، މި ބަދަލު ފެނިފައިވަނީ އެ ސަރަހައްދުގެ ގިނަ ފްލައިޓުތަކެއް ކެންސަލް ކުރަންޖެހުމުގެ ސަބަބުންނެވެ.
މެދުއިރުމައްޗަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން އާންމުކޮށް ޓްރާންސިޓްވާ ސަރަހައްދެކެވެ. ނަމަވެސް ހަމަނުޖެހުންތަކާ ގުޅިގެން ޝެޑިއުލް ފްލައިޓުތައް ކެންސަލް ކުރުމުން، ރާއްޖެއަށް އަންނަން ބޭނުންވާ ގިނަ އަދަދެއްގެ ފަތުރުވެރިން މިހާރު އިޚްތިޔާރު ކުރަމުންދަނީ ޕްރައިވެޓް ޖެޓުތަކުގައި ދަތުރުކުރުމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޖަމްޢިއްޔާތަކުން ގަބޫލުކުރާ ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުފަތުރަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ރާއްޖެއަށް ފަތުރުވެރިންގެ މެދުގައި އޮތް ޑިމާންޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކެއެވެ.
Ads by MACL
