ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރަން ޙަވާލުކޮށްފި

ހއ.އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް އެމް.ޕީ.އެލް އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުން
ހއ.އުލިގަމުގައި ޒަމާނީ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް އެމް.ޕީ.އެލް އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުން

ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޢަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ސަވާދެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއެވެ. މި މެރީނާއިން ޔޮޓުފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތަކުގެ އިތުރުން، އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްތައް ވެސް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ރޭވިފަ އެވެ. މީގެ އިތުރުން، މި މެރީނާ އޮޕަރޭޓްކޮށް އިތުރަށް ތަރައްޤީކުރާނެ ބަޔަކު ހޯދުމުގެ މަސައްކަތްވެސް އެމްޕީއެލްއިން މިހާރު ދަނީ ކުރަމުންނެވެ.

އުލިގަމަކީ ރާއްޖޭގެ އުތުރުން ބޭރުގެ ޔޮޓުތައް އާންމުކޮށް ރާއްޖެއަށް ވަންނަ މައި ދޮރާއްޓަށް ވާއިރު، ކޮންމެ އަހަރެއްގެ ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ އަދަދެއްގެ ޔޮޓްތައް އެ ރަށުގައި ބަނދަރުކުރެއެވެ. ނަމަވެސް، އެ ރަށަށް ފައިބާ ފަތުރުވެރިންނަށް އެކަށީގެންވާ ޚިދުމަތްތައް ދޭނެ ވަސީލަތްތައް ނެތުމަކީ މިހާތަނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. މި މަޝްރޫޢަކީ އުލިގަމަށް ޚާއްޞަ އިޤްތިސާދީ ނަފާ ހޯދައިދިނުމަށް ސަރުކާރުން ގެންގުޅުއްވާ އަމާޒުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މެރީނާ ތަރައްޤީ ކުރުމަށް އުލިގަމުން ވަނީ ޚާއްޞަ ސަރަޙައްދެއް ކަނޑައަޅާފައެވެ. އެމްޕީއެލްއިން ވިދާޅުވި ގޮތުގައި، މޫދުގައި އަޅާ ފްލޯޓިން ޕްލެޓްފޯމްތަކަކީ 3 މީޓަރު ފުޅާ ޕްލެޓްފޯމްތަކެކެވެ. އަދި މި ސަރަޙައްދަށް ކައިރި ކުރެވޭނީ 12 މީޓަރާއި 15 މީޓަރާ ދެމެދުގެ ދިގުމިން ހުންނަ އުޅަނދުފަހަރަށް ކަމަށްވެސް އެ ކުންފުނިން ބަޔާންކޮށްފައިވެއެވެ.