ބުޅާތަކަށް އަނިޔާކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
މި ފަހަކަށް އައިސް ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާއި، ހާނީއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެފަދަ ކަންކަން ނުކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މިނިސްޓްރީން ބުނީ ޖަނަވާރުންނަކީ ވެސް ވޭނާއި ބިރު އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުން ކަމަށްވާތީ، އެތަކެއްޗަށް އޯގާތެރިވުމަކީ ދީނީ ގޮތުންނާއި ޤާނޫނީ ގޮތުން ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.
ދާދިފަހުން ތަޞްދީޤުކުރި "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" ގެ ދަށުން ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ފަސް މިނިވަންކަމެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހައިހޫނުކަމުން މިންޖުވުމާއި، ބިރުގަތުމާއި ހާސްވުމުން މިންޖުވުމާއި، ޖިސްމާނީ އަރާމު ލިބުމާއި، ވޭނާއި ހާނީއްކައިން މިންޖުވުމުގެ އިތުރުން ޖަނަވާރުގެ އާދައިގެ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުން ހިމެނެއެވެ.
ޤާނޫނީ ފިޔަވަޅުތަކާއި ޖޫރިމަނާ
މިނިސްޓްރީން ބުނި ގޮތުގައި ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާ މެދު ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. ޤާނޫނުގެ 80 ވަނަ މާއްދާގެ ދަށުން ޖަނަވާރުންނަށް އިހާނެތި އަމަލެއް ހިންގާ ފަރާތްތައް 5,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލާ ފަރާތްތައް 5,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބަޔާނުގައިވެއެވެ.
ޖަނަވާރުންނަށް ރަޙުމުކޮށް އޯގާތެރިކަމާއެކު އަމަލުކުރުމަކީ އިސްލާމްދީނުގައި ބާރުއަޅާ ކަމެއްކަން ފާހަގަކުރައްވައި، މިނިސްޓްރީން ވަނީ ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް އެންމެހާ ރައްޔިތުން ޒިންމާދާރުވުމަށް ގޮވާލާފައެވެ. އަދި އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށްވެސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
Ads by MACL
