ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަންހެން މީހާ ވެއްޓުނު ހާދިސާ: ސީސީޓީވީ ފޫޓޭޖުތަކުން ފެނުނު މަންޒަރާއި ފުލުހުން ދެއްްކި ވާހަކައިން ރައްޔިތުންނަށް ގިނަކަންކަން ތިލަކޮށްދީފި!

އަންހެން މީހާ ވެއްޓުނު ހާދިސާ: ސީސީޓީވީ ފޫޓޭޖުތަކުން ފެނުނު މަންޒަރާއި ފުލުހުން ދެއްްކި ވާހަކައިން ރައްޔިތުންނަށް ގިނަކަންކަން ތިލަކޮށްދީފި!

ިމިމަހުގެ 18 ވަނަ ދުވަހު ހެންވޭރު ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައިއޮއްވާ ފެނުނު އަންހެން މީހާގެ މައްސަލައާއި ގުޅިގެން ފުލުހުން މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ, ހާދިސާ ހިނގި ހިސާބުގެ ސީސީޓީވީ ފޫޓޭޖްތައް ދައްކާލައިފިއެވެ.

އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ މި މައްސަލަ އެންމެ ފުރަތަމަަ ހުށަހެޅުނު ވަގުތުން ފެށިގެން މިއަދާ ހަމައަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. މި މައްސަލައިގައި ގިނަ މަސައްކަތްތައް އަދިވެސް ފުލުހުން ކުރަމުންދާ ކަމަށާއި ނަމަވެސް ފުލުހުންގެ މަސައްކަތާއި ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ކަމަށެވެ.

ޝުޖާޢު ވިދާޅުވީ މި މައްސަލައާމެދު ފުލުހުން އަމަލުކޮށްފައިވަނީ އެހެން މައްސަލަތަކުގައިވެސް އަމަލުކުރާގޮތަށްކަމަށާއި، އެކަމުގައި ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެކަމަށެވެ.

ސީސީޓީވީ ފޫޓޭޖުން ފެނުނު މަންޒަރު


މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އަންހެން ކުއްޖާ ވެއްޓުމާ ހަމައަށް ކަންހިނގައި ދިޔަގޮތް ދައްކުވައިދޭ ސީސީޓީވީ ފޫޓޭޖްތައް ދައްކާފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެންމެ ފުރަތަމަ އެރޭ 4:30 ހާއިރު ހ. ފެންޓޯނިއާގެއަށް ހައްވާ ޔުމްނު ރަޝީދާ ވަންނަ މަންޒަރު ފެނެއެވެ. އެވަގުތު ރައުދު އަހްމަދު ޒިލާލް މަގުމަތިން ދިޔަ ފިރިހެން މީހަކާ ވާހަކަ ދައްކާ މަންޒަރު ފެނެއެވެ. ފުލުހުން ބުނާ ގޮތުގައި އެއީ މަންޒަރު ބަލަން ދުރުގައި ހުރި މީހެކެވެ.

އޭނާއާ ވާހަކަދައްކަން ހުރުމަށް ފަހު އެ އިމާރާތައް ޔުމްނު އާއި ރައުދު ވަންނަ މަންޒަރު ފެނެއެވެ. އެމީހުން ހަރަކާތްތެރިވީ އެ އިމާރާތުގެ 7,8 އަދި 9 ވަނަ ފަންގިފިލާގައެވެ. 4:43 ހާއިރު އެމީހުން އެ އިމާރާތުގެ 7 ވަނަ ފަންގިފިލާގައި އުޅޭ މަންޒަރު ފެނެއެވެ. އަދި އެ ފްލޯގައި ބަދުއަހުލާގީ މަންޒަރު ހިންގައެވެ. އަދި ރައުދު ލައިގެން ހުރި ޓީޝާޓު ބާލައި ޔުމްނު އަށް ދެއެވެ. އޭގެ ފަހުން ރައުދު ހުރީ ހުސްގަޔާއެވެ. ޔުމްނު ލައިގެން ހުރި ޓީޝާޓު ހަތްވަނަ ފުލޯގެ ބިންމަތީގައި އޮތްކަން ފެނެއެވެ. އެއަށްފަހު 4:49ގައި ދެމީހުން ވެސް 8 ވަނަ ފަންގިފިލާއަށް ސިޑިން އަރާ މަންޒަރު ފެނެއެވެ. އެހިސާބުން 4:50 ހާއިރު އެލާމެއް އަޅާ އަޑު އިވެއެވެ. ފުލުހުން ވިދާޅުވީ އެއީ އެ އިމާރާތުން 12-6 އަށް އަބަދުވެސް އަޅާ އެލާމެއް ކަމަށެވެ.

އެހިސާބުން ފެށިގެން ވީޑިއޯއިން ދެން ޔުމްނު ނުފެނެއެވެ. ނަމަވެސް ރައުދު ޔުމްނު ހޯދުމަށް 7,8 ވަނަ އަދި 9 ވަނަ ފަންގިފިލާގައި އުޅޭ މަންޒަރު ފެނެއެވެ. އަދި 7 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ޓަކިޖަހާ މަންޒަރު ވެސް ފެނެއެވެ. އެ ފްލޯގެ ފާރު ކައިރީގައި މަޑުކޮށްގެން ވެސް ހުރެއެވެ. އެއަށްފަހު 8 ވަނަ ފަންގިފިލާއަށް އަރައި ސިޑިގޮޅީގައި ހުރި ފެންލައިޓުން ބޭރަށް ބޯދިއްކޮށް ގޮވާ އަޑުވެސް އިވެއެވެ. އެއަށްފަހު ލިފްޓުން ރައުދު ފޭބީ ތިރިއަށް ފޭބީ 5:12 ހާއިރުއެވެ. އަދި މަގުމަތީގައި ހުރެ ވެސް އެ އިމާރާތައް މައްޗައް ބަލަން ހުރެއެވެ. އެއަށްފަހު އަނެއްކާވެސް ރައުދު އަރަނީ އިމާރާތުގެ މައްޗަށް. އަރާ އަނެއްކާވެސް ޔުމްނު ހޯދޭތޯ އުޅެއެވެ. ނުފެނުމުން ތިރިއަށް ފައިބާ މަގުމަތީގައި އިރުކޮޅެއްވަންދެން ހުރުމަށް ފަހު ރައުދު ދިޔައީއެވެ.

ޔުމްނު ފެނުމާއި ފުލުހުން ދެން އަމަލު ކުރި ގޮތް


ފުލުހުން ވިދާޅުވި ގޮތުގައި އަންހެނަކު (ޔުމްނު) ވެއްޓިފައިވާކަމަށް އާންމު ފަރާތަކުން ރިޕޯޓުކޮށްފައިވަނީ ހުކުރުދުވަހު 7:30 ހާއިިިރުއެވެ. ހެންވޭރު ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުމުން ސީންއަށް ފުރަތަމަ އެޓެންޑުވީވެސް ހެންވޭރު އޮފީހުގައި ތިބި ފުލުހުންނެވެ. މާލޭގެ ތިން ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ފުލުސް އޮފީސްތަކަށް އެފަދަ މައްސަލައެއް ހުށަހެޅުމުން ސީންއަށް އެޓެންޓުވާނީ އެ ސަރަހައްދެއްގެ އޮފީހުގެ ފުލުހުންނެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ ސީންއަށް ފުލުހުން އެޓެންޑުވުމަށް ފަހު އެންމެ ފުރަތަމަ ވެސް ބެލީ ޔުމްނުއަށް މީހާއަށް އަވަސް ފަރުވާ ދިނުމަށެވެ. އެގޮތުން އޭނާ ހޮސްޕިޓަލަށް ގެންދެވުނީ 8 ޖަހާއިރުކަމަށާއި އޭނާގެ މޫނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ހުރުމުގެ ސަބަބުން އެއީ ކާކުކަން ފުރަތަމަ ދެނެގަނެވިފައި ނުވާ ކަމަށެެވެ. އެހެންކަމުން ދެން މަސައްކަތް ފެށީ އެއީ ކާކުކަން ދެނެގަތުމަށް ކަމަށާއި ކާކުކަން ދެނެގަނެވުމުން އާއިލާއަށް އަންގާ, ކަން ހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެހިސާބުން ފުލުހުން ވަނީ އެ އިމާރާތުގެ ވެރިފަރާތަށް ގުޅައި ވީޑިއޯ އަދި މައުލުމާތު ހޯދާފައެވެ. ވީީޑިއޯއިން ޔުމްނުއާއެކު އުޅުނީ ރައުދު ކަން ކަށަވަރުކުރެވި, ރައުދު ހޯދައި އޭނާގެ ފަރާތުން މިކަމުގެ އިތުރު މައުލޫމާތު ހޯދަައި ރައުދުގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އެއާއެކު ފުލުހުން ވަނީ އެ ރޭ ޔުމްނުއާއެކު އުޅުނު މީހުންގެ ވަނަވަރު އާއްމުކޮށްފައެވެ.

ޔުމްނު އާއެކު، މއ. މާންދޫގޭދެކުނު ގޭގައި އެއްކޮށް އުޅުނު ނުވަ މީހުން


-ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ


- އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް


- އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ


- ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ


- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު


- އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު


- ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި


- އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް


މި ނުވަ މީހުންގެ ތެރެއިން ދެ މީހެއްގެ ކުށުގެ ރިކޯޑު އެބައޮތެވެ. އެއީ އިޒުދިޔާން މުހައްމަދު މައުމޫން އާއި ޔޫސުފް އަހުމަދު އަކްރަމްއެވެ. މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ މި އެންމެންގެ ބަޔާން ނަގައި، އެންމެން ފުރުން ވެސް މަނާކޮށްފައެވެ.