ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ހެޑް ކޯޗު ސޮފްވާން އުމުރަށް ސަސްޕެންޑް ކޮށްފި

ވީއޭއެމުން ސަސްޕެންޑުކުރި ކޯޗު ސޮފްވާން އަޙްމަދު
ވީއޭއެމުން ސަސްޕެންޑުކުރި ކޯޗު ސޮފްވާން އަޙްމަދު

ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ހެޑް ކޯޗު ސޮފްވާން އަހްމަދު، ވޮލީބޯޅައިގެ ހުރިހާ ހަރަކާތްތަކުން އުމުރު ދުވަހަށް ސަސްޕެންޑް ކުރުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ބޭއްވި އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގަ އެވެ.

ސޮފްވާންއާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެން، އެ މައްސަލަ ބެލުމަށް މިދިޔަ އޮކްޓޯބަރު މަހު އެޑްހޮކް ކޮމިޝަނެއް އުފެއްދިއެވެ. އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓަށް ރިއާޔަތްކޮށް، ވީއޭއެމްގެ އެކްސްކޯއިން އޮކްޓޯބަރު މަހު ވަނީ އޭނާ ފަސް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށް ކުރިން ނިންމާފައެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭގެ ޖަލްސާގައި ވަނީ އޭނާގެ މައްޗަށް އިތުރު ފިޔަވަޅުތައް އަޅައި، އުމުރު ދުވަހުގެ ސަސްޕެންޝަނަކަށް ބަދަލުކުރަން ފާސްކޮށްފަ އެވެ.

ވީއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ މެމްބަރު ނުވަ ކްލަބަކާއި، ވަގުތީ މެމްބަރު 12 ކްލަބެއްގެ އިތުރުން އެކަޑަމީ އަދި އެސޯސިއޭޓް މެމްބަރުން ބައިވެރިވިއެވެ. މި ޖަލްސާގައި ނިންމި ނިންމުންތަކުގެ ތެރޭގައި ސޮފްވާން އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ މެމްބަރުކަމުން ވަކިކުރުމާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހު ވީއޭއެމްގެ އެއްވެސް މަގާމަކަށް އޭނާ އައްޔަން ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން، ވީއޭއެމްގެ މެމްބަރު ކްލަބެއްގެ ހިންގާ ކޮމިޓީގައި ސޮފްވާން ހިމެނޭނަމަ، 60 ދުވަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރުމަށް ވަނީ މުހުލަތެއް ދީފައެވެ. އަދި އޭނާ ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ދޫކޮށްފައިވާ ލިޔުން ވީއޭއެމްއަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް ވަނީ އަންގާފައެވެ.

ކޮމިޝަނާ އޮފް ސްޕޯޓްސް، ކުޅިވަރު ގައުމީ މަޖިލީސް އަދި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މަންދޫބުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި މި ޖަލްސާގައި ސޮފްވާންއާ މެދު މިފަދަ ހަރުކަށި ފިޔަވަޅެއް އެޅީ އޭނާގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.