ދައުލަތުގެ މީޑިއާގެ މިނިވަންކަމާ ގުޅުވައި ނަފްރަތު އުފެދޭ ގޮތަށް ދޮގު ނުފެތުރުމަށް އިލްތިމާސްކޮށްފި
ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މިނިވަންކަމާ ގުޅުވައި، އެ ކުންފުންޏާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ޙަޤީޤަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.
ދައުލަތުގެ މީޑަިއާ ޕީއެސްއެމްއިން މިކަމަށް އިލްތިމާސްކޮށްފައިވަނީ އިދިކޮޅު އެމްޑީޕީން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ބައްދަލުކުރެއްވުމަށް އެދި ފޮނުވި ސިޓީއަށް ދިން ޖަވާބުގަ އެވެ.
އެމްޑީޕީގެ ސިޓީގެ ޖަވާބުގައި ޕީއެސްއެމްއިން ބުނެފައިވަނީ، މިވަގުތު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ރާއްޖޭގައި ނޫޅުއްވާ ކަމަށާއި، އެނބުރި ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ފަހުކޮޅު ކަމަށެވެ. އެހެންކަމުން އެމްޑީ ރާއްޖެ ވަޑައިގަތުމުން ބައްދަލުކުރެއްވުމަށް އަލުން އެދުމަށް ޕީއެސްއެމްގެ ސިޓީގައި ބުނެފައިވެ އެވެ.
ކުރިއަށް އޮތް އިންތިޚާބުތަކާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމްތަކާ ގުޅޭގޮތުން ޕީއެސްއެމްއިން ބުނީ، އެ ޕްރޮގްރާމްތަކަކީ ރައްޔިތުންނަށް ފަންނީ އަދި އިޖުރާޢީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކުރާ ޕްރޮގްރާމްތަކެއް ކަމަށެވެ. އެހެންކަމުން މިވަގުތު ސިޔާސީ ޕާޓީތަކަށް ފުރުޞަތު ދިނުމުގެ ބަދަލުގައި އިސްކަންދެމުންދަނީ ކުރީގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން މެދުވެރިކޮށް މަޢުލޫމާތު ގެނެސްދިނުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕީއެސްއެމްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މިހާތަނަށް އެއްވެސް ޕްރޮގްރާމަކަށް ސިޔާސީ ޕާޓީއެއް ތަމްސީލް ކުރާ ފަރާތަކަށް އެ ހައިސިއްޔަތުން ފުރުޞަތު ދީފައެއް ނުވެ އެވެ. ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް، ވަކިފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދިނުމަށް ކަމަށްވެސް ބުނެފައިވެއެވެ.
ޕީއެސްއެމްގެ ސިޓީގައި ވަނީ، އެމްޑީޕީއިން ވެރިކަން ކުރެއްވި އިރުވެސް ޕީއެސްއެމް އޮތީ އެގޮތުގައި ކަމަށާއި، ކުންފުނީގެ މިނިވަންކަމާ ގުޅުވާ ރައްޔިތުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ހަޤީޤަތާއި ޚިލާފަށް ވާހަކަތައް ނުފެތުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.
Ads by MACL
