ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދަރިފުޅަށް ވަގުތު ދޭ އިސްލާހަކީ ވަޒީފާ އަދާކުރާ މައިންނަށް ލިބުނު ބޮޑު އެހީތެރިކަމެއް: މެޑަމް ސާޖިދާ

ދަރިފުޅަށް ވަގުތު ދޭ އިސްލާހަކީ ވަޒީފާ އަދާކުރާ މައިންނަށް ލިބުނު ބޮޑު އެހީތެރިކަމެއް: މެޑަމް ސާޖިދާ

ދަރިފުޅުގެ އުމުރުން 2 އަހަރު ވަންދެން ޑިއުޓީ ވަގުތުން އެ ދަރިފުޅަށް ވަގުތު ދޭން ވަޒީފާއާބެހޭ ޤާނޫނަށް ގެނައި އިސްލާހަކީ ވަޒީފާ އަދާކުރާ މައިންނަށް ވަޒީފާގެ ޒިންމާތަކާއި އާއިލީ ޒިންމާތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ލިބިގެންދާނެ ބޮޑު އެހީތެރިކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރިފުޅަށް 2 އަހަރު ފުރެންދެން މުވައްޒަފުންނަށް ދަރިފުޅު ބެލެހެއްޓުމަށްޓަކައި ވަގުތު ދިނުމަށް (ޗައިލްޑްކެއާ ޓައިމް-އޮފް) ވަޒީފާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙަށް ހޫނު މަރުޙަބާއެއް ކިޔާކަމަށެވެ.

މިއީ ވަޒީފާ އަދާކުރާ މައިންގެ ދުޅަހެޔޮކަމަށް މަގުފަހިވެ، ތަރުތީބުން ގާތުން ދިނުން ކުރިއަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، މިއީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކާނާގެ މިންގަނޑުތަކަށް ވާޞިލުވުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ވަޒީފާ އަދާކުރާ މައިންނަށް އާއިލީ ޒިންމާތައް އަދާކުރުމުގައި ބޮޑު ލުޔެއް ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީފާއާ ބެހޭ ޤާނޫނަށް ގެނައި މި އިސްލާހުގައި ވާގޮތުން، ވިހެއުމަށްފަހު ލިބޭ ޗުއްޓީ ނިންމައި މުވައްޒަފު އަނބުރާ ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ އުމުރުން 2 އަހަރު ދުވަސް ވަންދެން އެ ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށް ވަގުތު ދޭންޖެހޭނެއެވެ. އެގޮތުން، މުސާރައިން ނުކެނޑޭގޮތަށް ކޮންމެ ދުވަހަކުވެސް ދަރިފުޅު ގާތަށް ދިއުމަށް 30 މިނެޓުގެ ހުސްވަގުތުކޮޅެއް ދުވާލަކު ދެފަހަރު ދޭން ޖެހޭނެކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ކުރިން ޤާނޫނުގައި އޮންނަ ގޮތުން ވަޒީފާގެ ވަގުތުން ދަރިފުޅަށް މިފަދަ ވަގުތު ދެވޭނީ ދަރިފުޅަށް 1 އަހަރު ވަންދެނެވެ. ނަމަވެސް މި މަހުގެ 8 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި ބިލާއެކު މި މުއްދަތު މިވަނީ ދެ އަހަރަށް އިތުރުކުރެވިފައެވެ.