ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ސަނީގެ މައްޗަށް 5 ދައުވާއެއް އުފުލައިފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުގައި ހުރި ސަނީގެ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުގައި ހުރި ސަނީގެ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ގ. މާވަނި، ޙުސައިން ސަނީގެ މައްޗަށް ޖުމްލަ ފަސް ދަޢުވާއެއް ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލާގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުރި ތިން ދަޢުވާއަކާއި، ގާނޫނުލްއުޤޫބާތުގެ ދަށުން ކުރި ދެ ދަޢުވާއެކެވެ.

ސަނީގެ މައްޗަށް އުފުލާފައިވާ އެންމެ ބޮޑު ތިން ދަޢުވާއަކީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިއަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ 3 ދަޢުވާއެވެ. މި ދަޢުވާތައް އޭނާގެ މައްޗަށް ކުރަނީ ކުޑަ ކުއްޖެއްގެ އުމުރުން 7 އަހަރުވުމުގެ ކުރީން ފެށިގެން 2025 އޯގަސްޓު މަހާ ހަމައަށް، އެކި ދުވަސްމަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.

މީގެ އިތުރުން، އުމުރުން 10 އަހަރާއި 11 އަހަރާ ދެމެދުގެ ކުއްޖަކަށާއި، 9 އަހަރާއި 10 އަހަރާ ދެމެދުގެ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ތުހުމަތުކުރެއެވެ.

މީގެ އިތުރުން، އަދުލު އިންސާފު ޤާއިމްކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދަޢުވާވެސް އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. އަދުލު އިންސާފަށް ހުރަސްއެޅުމުގެ ދަޢުވާ ކުރަނީ، މައްސަލައިގެ ހެކި ހުރި ކަމަށް ބެލެވޭ އޭނާގެ ފޯނު ފުލުހުންނާ ހަވާލުކުރުމަށް ކޯޓުން އަމުރުކޮށްފައި ވަނިކޮށް، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ހަވާލުކޮށްފައިނުވާތީއެވެ. އަދި ފޯނުގައި ބޭނުންކުރާ ސިމް ނަމްބަރާއި ސިމުގެ ބާވަތް އޮޅުވާލައި ދޮގު މައުލޫމާތު ދީފައިވާތީ ދޮގު މައުލޫމާތު ދިނުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ، މި ދަޢުވާތައް ސާބިތުވެއްޖެނަމަ ޤާނޫނުގައި ކުށަށް ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދިފައިވާނެ ކަމަށެވެ. އެގޮތުން، ޖިންސީ ގޯނާގެ ކުށްތައް ސާބިތުވެއްޖެނަމަ ކޮންމެ ދަޢުވާއަކަށް 10 އަހަރާއި 14 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި އަދުލު އިންސާފަށް ހުރަސްއެޅުމުގެ ކުށަށް 1 އަހަރާއި 7 މަހާއި 6 ދުވަސް، އަދި ދޮގު މައުލޫމާތު ދިނުމުގެ ކުށަށް 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޖުމްލަ ގޮތެއްގައި އޭނާގެ މައްޗަށް 44 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

މި މައްސަލައާ ގުޅިގެން ޙުސައިން ސަނީ މިދިޔަ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހުރީ ޝަރީޢަތް ނިމެންދެން ބަންދުގައެވެ. މި މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާނެއެވެ.