ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވޯލްޑް ކަޕްގެ ކުރިން އެކުލަވާލި ބްރެޒިލް ސްކޮޑުން ނޭމާއަށް ފުރުސަތު ނުދިން

ވޯލްޑް ކަޕްގެ ކުރިން އެކުލަވާލި ބްރެޒިލް ސްކޮޑުން ނޭމާއަށް ފުރުސަތު ނުދިން

މި އަހަރުގެ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލުން ކުޅޭ އެންމެ ފަހު ރަހުމަތްތެރިކަމުގެ މެޗުތަކަށް އެކުލަވާލި ސްކޮޑުން އެ ގައުމުގެ ތަރި ނޭމާ ބާކީކޮށްފި އެވެ. މިއީ އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ލިބޭ އެންމެ ފަހު ފުރުސަތެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ނިންމާފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ބޮސްޓަންގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗާއި، މާޗް 31 ގައި އޯލަންޑޯގައި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ސަންތޯސްއަށް ކުޅެމުންދާ 34 އަހަރުގެ ނޭމާ ނުހިމެނުމަށެވެ. މިއީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލުން ކުޅޭ ވަރަށް މުހިންމު ދެ މެޗެވެ.

ބްރެޒިލްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ނޭމާ، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ގައުމީ ޓީމަށް ކުޅެފައެއް ނުވެއެވެ. އެއީ އޭނާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ. ދާދި ފަހުން އޭނާ އަލުން ކުޅުމުގެ ތެރެއަށް އައިސް ސަންތޯސްއާ ގުޅުނު ނަމަވެސް، ފިޓްނަސްގެ މައްސަލަތައް އަދިވެސް ހުރިކަން ފާހަގަކުރެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި، ނޭމާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން މުޅިން ފިޓު ނުވާތީ ކްލަބް މެޗުތަކުގައި ވެސް މަދުން ނޫނީ ނޭމާ ބައިވެރި ވެފައެއް ނުވެ އެވެ. އެހެން ކަމުން  ކޯޗު އަންޗެލޮޓީ އާއި ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް) ގެ އޮފިޝަލުން ތިބީ އެކަމާއި ހިތްހަމަނުޖެހިފައެވެ. މި ސަބަބުތަކާ ހުރެ އޭނާ ސްކޮޑުން ބާކީކުރަން ނިންމީ ކަމަށް ބެލެވެ އެވެ.

މި ނިންމުމާއެކު، ކުރިއަށް އޮތް ވޯލްޑް ކަޕްގެ ފައިނަލް ސްކޮޑުން ނޭމާއަށް ޖާގަ ލިބޭނެތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. ނޭމާގެ ފިޓްނަސް ރަނގަޅުވެ، އަލުން ފޯމަކަށް އެޅިއްޖެ ނަމަ ވޯލްޑް ކަޕް ސްކޮޑުން ޖާގަ ލިބުމުގެ ފުރުސަތު އޮތް ނަމަވެސް، މިވަގުތު އޭނާގެ ކުރިމަގު އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.