އެޕްސްޓީންގެ ޝިކާރައަކަށްވި އަންހެނުންތަކެއް ބޭންކް އޮފް އެމެރިކާއާ ދެކޮޅަށް ކުރި ދައުވާ ސުލްހަވެރިކަމާއެކު ނިންމާލައިފި
ޖެފްރީ އެޕްސްޓީން ހިންގި ޖިންސީ ގޯނާގެ އަމަލުތަކަށް މަގުފަހިކޮށްދިން ކަމަށް ބުނެ، އޭނާގެ ޝިކާރައަކަށްވި އަންހެނުންތަކެއް ބޭންކް އޮފް އެމެރިކާއާ ދެކޮޅަށް އުފުލި މަދަނީ ދައުވާ ސުލްހަވެރިކަމާއެކު ނިންމާލުމަށް އެއްބަސްވެފައިވާކަން ކޯޓު ރެކޯޑުތަކުން ހާމަވެއްޖެ އެވެ. ނިއުޔޯކްގެ މެންހަޓަންގައި ހުންނަ ޔޫއެސް ޑިސްޓްރިކްޓް ޖަޖް ޖެޑް ރަކޮފްއަށް ދެ ފަރާތުގެ ވަކީލުން ވަނީ މި މަހުގެ 12 ވަނަ ދުވަހު ފޯނުން ގުޅައި، "އުސޫލީ ގޮތުން އެއްބަސްވުމަކަށް" އާދެވިފައިވާކަން އަންގާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާގެ އަދަދާއި އެހެނިހެން ތަފްސީލުތައް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި އެއްބަސްވުން ކުރިއަށް ގެންދިއުމަށް ޖަޖް ރަކޮފްގެ ހުއްދަ ބޭނުންވާނެ އެވެ. ދެ ފަރާތުގެ ވަކީލުން މި މަހުގެ 27 ގެ ކުރިން އެއްބަސްވުމާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭއިރު، އެޕްރީލް 2 ވަނަ ދުވަހު މިކަމާ ގުޅޭ އަޑުއެހުމެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އަންހެނުންގެ ވަކީލު ސިގްރިޑް މެކްކޯލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ބޭންކް އޮފް އެމެރިކާއާ ދެކޮޅަށް ހުށަހެޅި މައްސަލަ ނިމުމަކަށް އައުމަކީ އިންސާފު ހޯދުމަށް ކުރާ ދަތުރުގައި އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ. މިކަމާ ގުޅޭގޮތުން ބޭންކް އޮފް އެމެރިކާގެ ތަރުޖަމާނު އެއްވެސް އެއްޗެއް ބުނަން ވަނީ އިންކާރުކޮށްފައެވެ.
Ads by BMLމިދިޔަ އޮކްޓޯބަރު މަހު "ޖޭން ޑޯ" ގެ ނަމުގައި ހުށަހެޅި މި ދައުވާގައި ބުނެފައިވަނީ، އެޕްސްޓީންގެ ކުށްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބެން ހުރި ނަމަވެސް، ބޭންކުން ފައިދާއަށް އިސްކަންދީ އޭނާގެ ޝައްކު އުފެދޭ މުއާމަލާތްތަކަށް ފުރުސަތު ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ކޯ-ފައުންޑަރ ލިއޯން ބްލެކް، އެޕްސްޓީންއަށް ކުރި ފައިސާގެ މުއާމަލާތްތައް ހިމެނެއެވެ.
ބޭންކް އޮފް އެމެރިކާގެ ކުރިން ބުނެފައިވަނީ އެޕްސްޓީންއާ ގުޅުމެއް އޮތްކަން ނޭނގޭ މީހުންނަށް އާންމު ބޭންކިންގް ހިދުމަތް ދިނުމަކީ ކުށެއް ނޫން ކަމަށާއި، ބޭންކުން އޭނާގެ އަމަލުތަކުގައި ބައިވެރިވި ކަމަށް ބުނާ ބުނުމަކީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ. ނަމަވެސް، ޖަޖް ރަކޮފް ޖެނުއަރީ މަހު ނިންމެވީ ބޭންކުން އެނގިހުރެ އެޕްސްޓީންގެ އަމަލުތަކުން ފައިދާ ހޯދި ކަމަށް ބުނާ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މީގެ ކުރިންވެސް އެޕްސްޓީންގެ އަމަލުތަކަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ޖޭޕީ މޯގަން ޗޭސް އިން 290 މިލިއަން ޑޮލަރު އަދި ޑޮއިޗާ ބޭންކުން 75 މިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ. ޖިންސީ ގޯނާގެ ގިނަ ދައުވާތަކެއް އުފުލިފައިވަނިކޮށް، ޖެފްރީ އެޕްސްޓީން 2019 ވަނަ އަހަރުގެ އޮގަސްޓް މަހު ޖަލުގައި އަމިއްލައަށް މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ކަނޑައަޅާފައެވެ.
Ads by MACL
