ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ނިޒާމެއް ނޫން، އެއީ ޕީއެންސީގެ ނިޒާމެއް: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ
ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވާހަކަދައްކަވަނީ -- ފޮޓޯ: ޕީއެންސީ

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އަމިއްލަ އެއްޗެއްގެ ގޮތުގައި އެ ޕާޓީން ދައްކަމުންދާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާއި، އެއީ އަސްލު މިހާރު ވެރިކަން ކުރާ ޕީއެންސީގެ ނިޒާމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެ އެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ މައްޗަންގޮޅި އުތުރު ދާއިރާގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ "ދަރިއެއް" ކަމަށް ބުނަމުންދިޔަ ނަމަވެސް، އެއީ އެކަން ހިނގައިދިޔަ ގޮތް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އެއްވެސް ނިޒާމެއް ގަބޫލުކުރާ ޕާޓީއެއް ނޫން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަލީމް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމުގެ މަސައްކަތަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދުވަސްވަރު ފެށިގެން އައި ކަމެކެވެ.

 "މިކަމަކީ ރައީސް މައުމޫންގެ ދުވަސްވަރުގައި ހަގީގަތުގައި މިކަން ފެށިގެން އައީ. އެންމެ ފުރަތަމަ މި މަސައްކަތްކުރެއްވި ބޭފުޅަކީ އޮނަރަބަލް އަލްއުސްތާޒް އަބްދުﷲ ހަމީދު. އޭގެ ފަހުގައި އިލްޔާސް އިބްރާހިމް މި މަސައްކަތްޕުޅު ކުރެއްވި،" ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ވަހީދުއްދީން މުޅި ރާއްޖެއަށް ވަޑައިގެން މި ނިޒާމު ގާއިމުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

ލާމަރުކަޒީ މި ނަން އެންމެ ފުރަތަމަ އިވިގެންދިޔައީ ވެސް ރައީސް މައުމޫންގެ ދޫފުޅުން ކަމަށާއި، އޭގެ ކުރިން އެއީ ދިވެހިން ދަންނަ ނަމެއް ނޫން ކަމަށް ސަލީމް ވިދާޅުވިއެވެ. އެހެންކަމުން މި ނިޒާމަކީ އެމްޑީޕީގެ އެއްޗެއް ކަމަށް ބުނެ އެ ޕާޓީން ވާހަކަދައްކަން ލަދުގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މީހުންނަކީ އެއްވެސް ހާލެއްގައި މިކަހަލަ އެއްވެސް ނިޒާމެއް ގަބޫލުކުރާ ބައެއް ނޫން. މިއީ މާކުރިން ނިމި، ހަމަޖެހިފައި އޮތް ކަމެއް. އެހެންވީމާ ހަގީގަތުގައި މި ނިޒާމަކީ މިއަދު މި ވެރިކަން ކުރާ ޕާޓީގެ ނިޒާމެއް،" ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕްރޮވިންސްތައް އުފައްދަވައިގެން ލާމަރުކަޒީ ނިޒާމު ފުނޑާލަން މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުން އެކަން އެގޮތަށް ކުރިއަށް ނުގެންދެވުނީ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ.