ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕްރިމިއާ ލީގުގެ ގަވާއިދާ ހިލާފުވުމުން ޗެލްސީ 10 މިލިއަން ފައުންޑުން ޖޫރިމަނާކޮށްފި

ޕްރިމިއާ ލީގުގެ ގަވާއިދާ ހިލާފުވުމުން ޗެލްސީ 10 މިލިއަން ފައުންޑުން ޖޫރިމަނާކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ގަވާއިދުތަކާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، ޗެލްސީ ފުޓްބޯޅަ ކްލަބް ރެކޯޑް އަދަދެއް ކަމަށްވާ 10.75 މިލިއަން ފައުންޑުން ޖޫރިމަނާކޮށްފި އެވެ.

މި ޖޫރިމަނާގެ އިތުރުން، އެ ކްލަބަށް ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް ޓްރާންސްފާ ބޭނަކާއި، އެކަޑަމީ ކުޅުންތެރިން ރަޖިސްޓްރީ ކުރުން ނުވަ މަސް ދުވަހަށް ހުއްޓުވާފަ އެވެ.

ޕްރިމިއާ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗެލްސީގެ މިހާރުގެ ވެރިން 2022 ވަނަ އަހަރު އަމިއްލައަށް އިސްނަގައިގެން، ތިންވަނަ ފަރާތްތަކަށް ދައްކާފައިވާ ފައިސާ އާއި މާލީ ރިޕޯޓްތަކާ ގުޅޭ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމުގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން 2025 ވަނަ އަހަރު އެކަޑަމީގެ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބެލެވޭ މައްސަލަތަކެއް ވެސް ކްލަބުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ތަހުގީގަށް ފަހު ޕްރިމިއާ ލީގުން ހާމަކުރި ގޮތުގައި، 2011 އާއި 2018 އާ ދެމެދު ޗެލްސީއާ ގުޅުންހުރި ތިންވަނަ ފަރާތްތަކުން ކުޅުންތެރިންނަށާއި، ރަޖިސްޓްރީ ނުކުރާ އެޖެންޓުންނަށް ސިއްރުން ފައިސާ ދީފައިވެ އެވެ.

"މި ފައިސާގެ މުއާމަލާތްތަކަކީ އޭރު ފުޓްބޯޅަ ރެގިއުލޭޓަރީ އިދާރާތަކަށް އަންގާފައިވާ މުއާމަލާތްތަކެއް ނޫން. މިއީ ޗެލްސީ ކްލަބަށް ފައިދާވާ ގޮތަށް ކޮށްފައިވާ ކަންތައްތަކެއް ކަމުން، މިއީ ކްލަބުން ކޮށްފައިވާ ގަވައިދާއި ޚިލާފު ކަންތައްތަކެއްގެ ގޮތުގައި ބަލަންޖެހޭނެ،" ލީގުން ބުނެފައިވެއެވެ.

މި މައްސަލަތައް ހިނގާފައިވަނީ ރަޝިޔާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗްގެ މިލްކުވެރިކަމުގެ ދަށުގައި ޗެލްސީ އޮތް ދުވަސްވަރު އެވެ. ރަޝިޔާއިން ޔޫކްރެއިނަށް އެރުމާ ގުޅިގެން 2022 ވަނަ އަހަރު އޭނާ ވަނީ ކްލަބް ވިއްކާލާފަ އެވެ. އޭގެ ފަހުން މޭ 2022 ގައި އެމެރިކާގެ އިންވެސްޓަރު ޓޮޑް ބޯލީ އާއި ކްލިއަރލޭކް ކެޕިޓަލް ހިމެނޭ ކޮންސޯޓިއަމަކުން ވަނީ ކްލަބާ ހަވާލުވެފަ އެވެ.

ޗެލްސީން ވަނީ ލީގުގެ ގަވާއިދުތަކާ ހިލާފުވިކަމަށް އިއުތިރާފުވެ، 10 މިލިއަން ފައުންޑުގެ ޖޫރިމަނާއެއް ގަބޫލުކޮށްފަ އެވެ. ނަމަވެސް، އެ ދުވަސްވަރު ލީގުގެ 'ޕްރޮފިޓަބިލިޓީ އެންޑް ސަސްޓެއިނަބިލިޓީ' ގަވާއިދުތަކާ ކްލަބް ހިލާފުވެފައި ނުވާތީ، ޕޮއިންޓް އުނިކުރުމުގެ އަދަބަކުން ވަނީ ސަލާމަތްވެފަ އެވެ. ލީގުން ފާހަގަކުރި ގޮތުގައި ކްލަބުން އަމިއްލައަށް މައްސަލަ ރިޕޯޓްކޮށް، ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ އަދަބު ލުއިވުމަށް މެދުވެރިވި ސަބަބެކެވެ.

އެކަޑަމީ ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި 2019 އާއި 2022 އާ ދެމެދު ހިނގާފައިވާ ގަވާއިދާ ހިލާފު ކަންތައްތަކާ ގުޅިގެން، ޗެލްސީން ވަނީ އިތުރު 750,000 ފައުންޑުން ޖޫރިމަނާވެ، ވަގުތުން ތަންފީޒުކުރާ ގޮތަށް ނުވަ މަސް ދުވަހުގެ އެކަޑަމީ ޓްރާންސްފާ ބޭނެއް ގަބޫލުކޮށްފައެވެ. މި ފިޔަވަޅުތަކަށް ވަގުތުން އަމަލުކުރަން ފަށާނެއެވެ.