ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ޓިކެޓް އަގުތައް ޔޫއެފާއިން އިއުލާންކޮށްފި

ޗެމްޕިއަންސް ލީގު ފައިނަލް މެޗުގެ ޓިކެޓް އަގުތައް ޔޫއެފާއިން އިއުލާންކޮށްފި

މި އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ޓިކެޓްތައް 70 ޔޫރޯ (ގާތްގަނޑަކަށް 80 ޑޮލަރު) އިން ފެށިގެން ވިއްކުމަށް ޔޫއެފާއިން ނިންމައިފި އެވެ. ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައި ކުޅުމަށް ހަމަޖެހިފައިވާ މި ފައިނަލް މެޗުގެ ޓިކެޓްތައް އާންމުންނަށް ދޫކުރާނީ ލޮޓަރީ އުސޫލުންނެވެ.

ޔޫއެފާއިން ހާމަކޮށްފައިވާ ގޮތުގައި، މެއި މަހުގެ 30 ވަނަ ދުވަހު އޮންނަ މި ފައިނަލް މެޗުގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިހާރު ވަނީ ޔޫއެފާގެ ޓިކެޓް ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ. މި ފުރުސަތު ބަންދުވާނީ މާޗް މަހުގެ 19 ވަނަ ދުވަހުއެވެ. ޓިކެޓްތައް ދޫކުރުމުގައި 'ފަސްޓް-ކަމް ފަސްޓް-ސާވްޑް' ނުވަތަ 'ޑައިނަމިކް ޕްރައިސިންގް' މޮޑެލްތަކުގެ ބަދަލުގައި ބޭނުންކުރާނީ ގުރުއަތުލުމުގެ އުސޫލެވެ.

މި އަގުތަކަކީ ވޯލްޑް ކަޕާއި ޔޫރޯ ފަދަ ބޮޑެތި މުބާރާތްތަކާ އަޅާބަލާއިރު ކުޑަ އަގުތަކެކެވެ. އެފަދަ މުބާރާތްތަކުގެ ޓިކެޓް އަގުތައް ބޮޑުވުމުގެ ސަބަބުން ސަޕޯޓަރުންގެ ފާޑުކިޔުން އަބަދު ވެސް އަމާޒުވެ އެވެ. ޔޫއެފާއިން ބުނީ ޗެމްޕިއަންސް ލީގު ފައިނަލްގެ 40 އިންސައްތައަށްވުރެ ގިނަ ޓިކެޓް ހާއްސަކޮށްފައިވަނީ އެންމެ އަގުހެޔޮ ދެ ކެޓަގަރީގެ ޓިކެޓް ބޭނުންވާ ސަޕޯޓަރުންނަށް ކަމަށެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ޔޫއެފާގެ އެހެން މުބާރާތްތަކުގެ ފައިނަލް ޓިކެޓް އަގުތައް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެގޮތުން މެއި 20 ގައި އިސްތަންބޫލްގައި އޮންނަ ޔޫރޮޕާ ލީގު ފައިނަލްގެ ޓިކެޓްތައް 40 ޔޫރޯ އިން ފެށޭއިރު، މެއި 27 ގައި ލައިޕްޒިގްގައި އޮންނަ ކޮންފަރެންސް ލީގު ފައިނަލްގެ ޓިކެޓްތައް ފެށެނީ 25 ޔޫރޯ އިންނެވެ.

ޔޫއެފާއިން އިތުރަށް ބުނެފައިވަނީ ފައިނަލް މެޗުތަކުގެ ޓިކެޓްތަކުގެ ބޮޑު ބައެއް ހާއްސަކުރެވިގެންދާނީ ފައިނަލަށް ދަތުރުކުރާ ދެ ޓީމުގެ ސަޕޯޓަރުންނަށާއި އާންމު ސަޕޯޓަރުންނަށް ކަމަށެވެ.