ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާނުގެ ސެކިއުރިޓީ ޗީފް ލަރިޖާނީ އާއި ބަސިޖް ކޮމާންޑަރ އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން ބުނެފި

 އިޒްރޭލުން އަވަހާރަކޮށްލި ކަމަށް ބުނި އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އާއި ބަސިޖް ކޮމާންޑަރ
އިޒްރޭލުން އަވަހާރަކޮށްލި ކަމަށް ބުނި އީރާނުގެ ސެކިއުރިޓީ ޗީފް އަލީ ލަރިޖާނީ އާއި ބަސިޖް ކޮމާންޑަރ

އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ލަރީޖާނީ، އިޒްރޭލުން ރޭ ދިން ވައިގެ ހަމަލާއެއްގައި އަވަހާރަކޮށްލާފައިވާ ކަމަށް އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ބުނެފި އެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އީރާނުގެ ވެރިރަށް ތެހެރާނަށެވެ.

އިޒްރޭލުގެ ދިފާއީ ވަޒީރު ނެރުއްވި ބަޔާނެއްގައި ބުނީ ލަރީޖާނީ އާއި ބަސީޖްގެ ކޮމާންޑަރު ރޭ ވަނީ ނައްތާލެވިފައި ކަމަށެވެ. އަދި އެ ބޭފުޅުންނަކީ "ނުބައި ނުލަފާ ހައްދުފަހަނަ އެޅި މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅުންގެ ގޮތުގައި ކާޓްޒް ސިފަކުރެއްވި އެވެ. އިޒްރޭލް އަސްކަރިއްޔާއިން ބުނާ ގޮތުގައި މި ހަމަލާގައި ލަރީޖާނީގެ އިތުރުން ބަސީޖްގެ ކޮމާންޑަރު ޣުލާމް ރިޒާ އާއި އެހެނިހެން އިސް ވެރިން ވެސް ވަނީ މަރާލާފަ އެވެ.

މި ހަބަރާ ގުޅިގެން އީރާނުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އީރާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ލަރީޖާނީގެ ފަރާތްޕުޅުން ވަރަށް އަވަހަށް މެސެޖެއް އާންމުކުރާނެ އެވެ. މިއީ އިސްރާއީލުން ފަތުރާ ދޮގު މައުލޫމާތެއް ކަމަށް ދޭހަވާ މޭރުމަކުން އީރާނުގެ މީޑިއާތަކުން ދަނީ ވާހަކަ ދައްކަމުންނެވެ.

ރޮއިޓާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން އީރާންގެ އިސް ފަރާތްކަެއް އަވަހާރަކޮށްލިކަމަށް ބުނެ މި ދައުވާ ކުރި ނަމަވެސް، މިކަން މިހާތަނަށް މިނިވަން މުއައްސަސާއަކުން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. އަލީ ލަރީޖާނީ އަކީ އީރާނުގެ ސިޔާސީ އަދި ސަލާމަތީ ދާއިރާގައި ނުފޫޒުގަދަ ބޭފުޅަކަށް ވުމާއެކު، މި ހަބަރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެގެންދާނެ ކަމަށް ބެލެވެ އެވެ.