ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ކަންކަން ކުރިއަށްދަނީ ޤާނޫނާ އެއްގޮތަށް: އުޝާމް

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ކަންކަން ކުރިއަށްދަނީ ޤާނޫނާ އެއްގޮތަށް: އުޝާމް

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙުގެ ބިލާއި، އެ ބިލާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓާ ގުޅޭ ހުރިހާ ކަމެއްގައި ސަރުކާރުން މިހާތަނަށް ޢަމަލުކޮށްފައިވަނީ ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިކަން ހާމަކުރެއްވީ އަންނަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާއި، އެ ވޯޓު ނެގުމަށް ޤާނޫނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮޅުން އަރާފަދަ މައުލޫމާތު ފެތުރެމުންދާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.

ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މައިގަނޑު ދެ މަޤުޞަދެއްގައި އެކުލަވައިލާފައިވާ ބިލެކެވެ. އެއީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާއި، އެކަމަށް މަގުފަހިކުރުމަށްޓަކައި މަޖިލީހުގެ ދައުރު ގުނާ އުސޫލު ބަދަލުކޮށް، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރުމެވެ.

އޭޖީ އޮފީހުން ވިދާޅުވި ގޮތުގައި، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ވަކި ކަންތައްތަކަކަށް ގެންނަ އިޞްލާޙުތައް ތަސްދީޤު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ރުހުން ލިބުމުންނެވެ.

މި ބަދަލު ގެންނައުމަށް ނުފެންނަ ކަމަށް ރައްޔިތުން ވޯޓު ދީފި ނަމަ، ޤާނޫނު ތަސްދީޤު ނުކުރާނެ ކަމަށްވެސް އެ އޮފީހުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުގައި އަހާނެ ސުވާލަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޢުމުރު ގުނުމުގެ އުޞޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމަށް ފެނޭ ހެއްޔެވެ؟" މިއެވެ.

ބަންޑާރަ ނައިބުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ، މިހާތަނަށް ކުރެވުނު ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގޮސްފައިވަނީ ޤާނޫނުއަސާސީން ތަސައްވުރުކުރާ ޝަރުޠުތަކާއި އުޞޫލުތަކާ އެއްގޮތަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.