ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށްފި

ކަސްޓަމްސް އާއި ކަރެކްޝަންސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށްފި
ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމުގެ ސިޔާސަތުގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް، މުސާރައިގެ ކުރިއެރުން ދީފި އެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ދެ އިދާރާގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތައް މިއަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ތަންފީޒުކުރަން ފަށާފަ އެވެ.

މި ބަދަލަކީ މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ބަދަލާއެކު އެ ދެ އިދާރާގެ މުވައްޒަފުންނަށް މިހާރު މުސާރަ ދެމުންދާ އޮނިގަނޑު ބަދަލުވެ، މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެއެވެ.

ޕޭ-ހާމަނައިޒޭޝަން ސިޔާސަތު


ދައުލަތުގެ އިދާރާތަކުގެ މުސާރަ އެއްހަމަކުރުން ނުވަތަ ޕޭ-ހާމަނައިޒޭޝަން ސިޔާސަތަކީ އެކި ދާއިރާތަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށްގެންދާ މަސައްކަތެކެވެ. މިގޮތުން މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ސާވިސް އަދި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ވަނީ އެއްހަމަކޮށްފަ އެވެ.

ސަރުކާރުން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ ގޮތަށް، މިހާތަނަށް މުސާރައިގެ ކުރިއެރުން ލިބިފައި ނުވާ އިދާރާތަކުގެ މުވައްޒަފުންނަށް މިއަހަރުގެ ތެރޭގައި މުސާރަ އެއްހަމަވެގެންދާނެ ކަމަށެވެ.

އައު އޮނިގަނޑުގެ މަޤްޞަދު


މާލީ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ޕޭ ފްރޭމްވޯކްގެ ދަށުން މުސާރައާއި އިނާޔަތްތައް ކަނޑައަޅާފައިވަނީ މަސައްކަތު ގަޑީގެ ބޭނުން ފުރިހަމަގޮތުގައި ހިފުމުގެ ސަޤާފަތެއް އާލާކުރުމަށެވެ. މީގެ ކުރިން އޮތް ގިނަ ވަގުތު އިތުރުގަޑީގައި މަސައްކަތްކޮށްގެން އުޖޫރަ ބޮޑުކުރާ ނިޒާމު ބަދަލުކޮށް، މުވައްޒަފުންނަށް އެކަށީގެންވާ ޖުމްލަ އުޖޫރައެއް ކަނޑައެޅުމަކީ މި ބަދަލުގެ މުހިންމު ބައެކެވެ.

މީގެ އިތުރުން، މުވައްޒަފުންގެ އާމްދަނީއަށް ކުރިއެރުން ހޯދައިދިނުމާއެކު، "ވަރކް-ލައިފް ބެލެންސް" އެއް ނުވަތަ މަސައްކަތާއި އަމިއްލަ ދިރިއުޅުމުގެ ބެލެންސް ހިފެހެއްޓޭނެ ގޮތްތައް މަގުފަހިކޮށްދީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަކީވެސް މި ސިޔާސަތުގެ މަޤްޞަދެއް ކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ނޭޝަނަލް ޕޭ ފްރޭމްވޯކަކީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން، ހުރިހާ އިދާރާއެއްގެ މުސާރައާއި އިނާޔަތްތައް އެއްހަމަ މިންގަނޑެއްގައި ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ މުހިންމު އޮނިގަނޑެކެވެ.