ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ދެ އިންތިޙާބު އެއްދުވަހެއްގައި ބާއްވަން އިދިކޮޅު ފަރާތްތަކުން ދެކޮޅުވަނީ ސިޔާސީ ބޭނުމެއްގަ: ފަލާހު

ދެ އިންތިޙާބު އެއްދުވަހެއްގައި ބާއްވަން އިދިކޮޅު ފަރާތްތަކުން ދެކޮޅުވަނީ ސިޔާސީ ބޭނުމެއްގަ: ފަލާހު

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގެނައި އިސްލާހަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އަދި މި ބަދަލަކީ މީގެ ކުރިން ހެދިފައިވާ ސާވޭތަކުން ރައްޔިތުންގެ 90 އިންސައްތަ ތާއީދު އޮތް ކަމެއްކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް މާލެ ސިޓީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ދޮރުން ދޮރަށް ރައީސް މުޢިއްޒު ކުރެއްވި ޒިޔާރަތުގައި ބައިވެރިވެވަޑައިގެން ދެއްވި ބަސްދީގަތުމެއްގަ އެވެ.

ރާއްޖޭގެ ދުސްތޫރީ އަދި އިދާރީ ނިޒާމުގައި ހުރި އުނިކަންކަން އިސްލާހުކުރައްވައި، އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމުގެ ސަނާއާއި ތާރީފު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގެންފާނެތީ އިދިކޮޅު ލީޑަރުން ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ފަލާހު ވިދާޅުވި އެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގެނައި އިސްލާހަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. އަދި މި ބަދަލަކީ މީގެ ކުރިން ހެދިފައިވާ ސާވޭތަކުން ރައްޔިތުންގެ 90 އިންސައްތަ ތާއީދު އޮތް ކަމެއްކަމަށެވެ.

ފަލާހު ވިދާޅުވި ގޮތުގައި މިހާރު މި ބަދަލާ ދެކޮޅުހައްދަވާ ބައެއް ކުރީގެ ރައީސުންނަކީ މީގެ ކުރިން މި ބަދަލަށް ވަކާލާތު ކުރެއްވި ބޭފުޅުންނެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ފަލާހު ވިދާޅުވީ، މީގެ ދެ މަހެއްހައި ދުވަސް ކުރިން އެއް ދުވަހެއްގައި އިންތިހާބުތައް ބޭއްވުމަށް ވާހަކަދެއްކެވި ބޭފުޅުން ކުއްލި ގޮތަކަށް ރޫހު ބަދަލުވީ ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ކަމަށެވެ.

"މީގެ ދެމަސްކުރިންވެސް ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައި އެހުރީ، މިއީ ވަރަށް ބޮޑަށް ތާައީދުކުރައްވާ ވަރަށް ރަނގަޅު ކަމެކޭ. އެހެންނަމަވެސް ދެ މަސްފަހުން މިކަން ކަމުނުދިޔައީ، ސިޔާސީ ކޮންމެވެސް މަންފާއެއް ހޯދުމަށްކަން އެއީ މިކަން ކަމުނުދާތީ ނޫންކަން ރައްޔިތުންނަށް ވަރަށް ސާފުވާނެ،" ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ މަރުހަލާގައިވެސް މިގޮތަށް އިންތިހާބުތައް އެއްކޮށްލުމަށް މަސައްކަތް ކުރެވުނުކަން ފަލާހު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ މި ސަރުކާރުން ގެންނަ ހެޔޮ ބަދަލުތަކުގެ ކްރެޑިޓް ރައީސް މުޢިއްޒަށް ލިބި، ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް އިތުރުވެދާނެތީ އިދިކޮޅު ފަރާތްތަކުން ޖެހިލުންވަނީ ކަމަށެވެ.

ފަލާހު ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، ދައުލަތުގެ ހަރަދުތައް ކުޑަވެގެންދާނެ ކަމެއް ކަމަށާއި، މިއީ ރައްޔިތުން ބޭނުންވާ އިސްލާހެއް ކަމަށެވެ.