އިންތިހާބާ ދިމާކޮށް ބައެއް ކައުންސިލުތަކުން ދަނީ ސަރުކާރު ބަދުނާމުކުރަން މަސައްކަތް ކުރަމުން: ނިމާލު
ލޯކަލް ކައުންސިލު އިންތިހާބު ވަރަށް ބޮޑަށް ކުޑަތަންވެފައިވަނިކޮށް، ސަރުކާރު ބަދުނާމުކުރުމުގެ ބޭނުމުގައި ބައެއް ކައުންސިލުތަކުން މަސައްކަތްކުރަމުންދާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހްމަދު ނިމާލު ވިދާޅުވެއްޖެއެވެ.
ނިމާލު މިހެން ވިދާޅުވީ މާލެ ސިޓީގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއެކު ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.
ނިމާލު ވިދާޅުވި ގޮތުގައި މިހާރުވެސް ބައެއް ކައުންސިލުތަކުން ގަސްތުގައި ގާނޫނާ ހިލާފު ބައެއް ކަންކަން ހިންގަމުންދާ ކަމަށެވެ. މިފަދައިން އަމަލުކުރުމުގެ މައިގަނޑު ބޭނުމަކީ އެލްޖީއޭއާއި ސަރުކާރުން ގާނޫނީ ފިޔަވަޅު އެޅުމުން، އެއީ ރައްޔިތުންގެ ތަރައްގީއަށް ހުރަސްއެޅުން ކަމުގައި ދެއްކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"ބޭނުންވަނީ އަޅުގަނޑުމެން ގާނޫނާ އެއްގޮތަށް ކަންތައްތަކެއް ކުރީމާ އެއީ ރައްޔިތުންގެ ތަރައްގީއަށް ހުއްޓުވުން އެރުވުމުގެ މަގުސަދުގައި ކުރާ ކަމެއްގެ ގޮތުގައި ދެއްކުން. މަޝްރޫއެއް ހިންގަން ބަޖެޓު ނެތްކަމަށް ކިޔަކިޔާފައި ކުއްލިއަކަށް ބޮޑެތި މަޝްރޫއުތަކަށް އިއުލާނުކުރަނީ،" ނިމާލު ވިދާޅުވިއެވެ.
ނިމާލު އިތުރަށް ސުވާލު އުފެއްދެވީ، ކައުންސިލެއްގެ ދައުރުގައި ހަތަރު އަހަރެއްހައި ދުވަސް ފާއިތުވިއިރު ނުކުރައްވައި ހުރި ބޮޑެތި ކަންތައްތަކެއް، އިންތިހާބަށް އެންމެ މަހަކަށް ވުމުން އިއުލާނުކުރަންޖެހޭ ސަބަބަކީ ކޮބައިތޯއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބައެއް ކައުންސިލުތަކުން މިފަދައިން އަމަލުކުރަނީ ދަރަނި އުފައްދައި، އެ ދަރަނީގެ ތާށިކަމުގައި އަލަށް އިންތިހާބުވާ ކައުންސިލުތައް ބަންދުކުރުމުގެ ބޭނުމުގައެވެ.
Ads by BMLމީގެ އިތުރުން، ބަޖެޓު ނެތް ކަމަށް ކުރިން ބުނުމަށްފަހު ކުއްލިއަކަށް މަޝްރޫއުތައް އިއުލާނުކުރުމުން އެކަމާ ގުޅޭގޮތުން އެލްޖީއޭއިން ސުވާލުކޮށް ސިޓީ ފޮނުވުމުން، އެ ސިޓީތައް ރައްޔިތުންނަށް ދައްކައިގެން ސަރުކާރުން ކަންކަމަށް ހުރަސްއަޅާކަމުގެ ނުބައި ތަސައްވަރެއް އުފައްދަން މަސައްކަތްކުރާ ކަމަށްވެސް ނިމާލު ތުހުމަތު ކުރެއްވިއެވެ.
Ads by MACL
