ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމެރިކާއާއި އެކު ހަނގުރާމައިގައި ބައިވެރި ނުވުމަކީ ނޭޓޯއިން ހެދި އެންމެ ބޮޑު ގޯސް؛ ނަތީޖާ ވަރަށް ހިތިވާނެ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް

އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ބައިވެރިވުމަށް ނޭޓޯއިން ދެކޮޅު ހަދަމުންދާތީ، އެއީ އެ ޖަމާއަތުން ހަދަމުންދާ އެންމެ ބޮޑު ގޯސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ވައިޓް ހައުސްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ނޭޓޯއާ މެދު ހުރި ހިތްހަމަނުޖެހުންތައް ބޭރުކޮށްލައްވާފަ އެވެ.

ސްޓްރެއިޓް އޮފް ހޯމޫޒްއަށް ސިފައިން ފޮނުވުމަށް އެމެރިކާއިން އެދުމުން، އެކަމަށް ގައުމުތަކުން ދެކޮޅު ހަދާފައިވާތީ ޓްރަމްޕް ވަނީ ފާޑުވިދާޅުވެފަ އެވެ.

"އެމީހުން އަހަރެމެންނަށް އެހީތެރިވާކަށް ބޭނުމެއް ނުވޭ. މިއީ ހައިރާންވާންޖެހޭ ކަމެއް. އަދި އެމީހުން ހެދި އެންމެ ބޮޑު ގޯސް،" ޓްރަމްޕް ވިދާޅުވިއެވެ.

ނޭޓޯގެ ގައުމުތަކުން އެހީތެރިކަން ނުދޭތީ ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، އެމެރިކާއަކީ އެހެން ބައެއްގެ އެހީތެރިކަމަށް ބޭނުންވާ ގައުމެއް ނޫން ކަމަށްވެސް ރައީސް ޓްރަމްޕް ވަނީ ދައުވާ ކުރައްވާފަ އެވެ.
"އަހަރެމެން އީރާނާ ދެކޮޅަށް ހިންގާ މި އޮޕަރޭޝަނުގައި އިތުރު ބައެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވާނެ، އަހަރެމެންނަށް މިކަން ވާނެ، އެމެރިކާގައި އެފަދަ ގާބިލުކަން އެބަ ހުރި. އެއްވެސް އެހީތެރިކަމަކަށް ބޭނުމެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ މަސައްކަތްތަކުގައި ބައިވެރިވުމަށް އިންކާރު ކުރުމަކީ ނޭޓޯއިން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށާއި، މީގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމަށް އެ ޖަމާއަތުން ވިސްނަންޖެހޭނެ ކަމަށެވެ. މިއީ ފަހަކަށް އައިސް ނޭޓޯގެ މެންބަރު ގައުމުތަކުން އެމެރިކާގެ ހުށަހެޅުންތަކަށް ފުރަގަސްދެމުންދާތީ ޓްރަމްޕް ދެއްވި ވަރުގަދަ ރައްދެކެވެ.