އަޔަލެންޑުގެ ބޮޑުވަޒީރު، ބަހުގެ ހަމަލާތަކެއް ދީ އެންމެންގެ ކުރިމަތީ ޓްރަމްޕް ލަދުގަންނަވާލައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމާ އަށް އަމާޒުކޮށް ފާޑުވިދާޅުވަމުން ގެންދަވަނިކޮށް، އަޔަލޭންޑްގެ ބޮޑުވަޒީރު މައިކަލް މާޓިންގ ކެމެރާތަކުގެ ކުރިމަތީގައި ޓްރަމްޕަށް ވަރުގަދަ ރައްދެއް ދެއްވައި ލަދުގަންނަވާލައިފި އެވެ.
މި ކަން ހިނގާފައިވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން ކުރާ މަސައްކަތްތަކުގައި އިނގިރޭސިވިލާތުގެ އެއްބާރުލުން ފުރިހަމައަށް ނުލިބޭ ކަމަށް ބުނެ ޓްރަމްޕް ޝަކުވާ ކުރައްވަމުން ގެންދަވަނިކޮށެވެ.
ޓްރަމްޕްގެ ވާހަކަފުޅުތަކުގައި އިނގިރޭސި ބޮޑުވަޒީރު ސްޓާމާ އަށް ފާޑުވިދާޅުވަމުން ގެންދެވީ، އިރާނާ ދެކޮޅަށް އެމެރިކާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުތަކަށް އިނގިރޭސިވިލާތުން އެކަށީގެންވާ ތާއީދެއް ނުދޭ ކަމަށް ތުހުމަތު ކުރައްވަމުންނެވެ. ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެއްވަމުން އަޔަލޭންޑްގެ ބޮޑުވަޒީރު ވަނީ ސްޓާމާގެ ދިފާއުގައި ވާހަކަދައްކަވާފަ އެވެ.
އަޔަލޭންޑްގެ ބޮޑުވަޒީރު ވިދާޅުވީ، ސްޓާމާ އަކީ ވަރަށް އިޚްލާޞްތެރި ބޭފުޅެއް ކަމަށާއި، އެ ބޭފުޅާ އާއި އެކު މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި ނަމަ ވަރަށް ފަސޭހައިން މަސައްކަތް ކުރެވޭނެ ކަމަށެވެ. މި ބަހުގެ ހަމަލާއަކީ ޓްރަމްޕްގެ ގާބިލުކަމާ މެދު ސުވާލު އުފައްދާ، އާންމުކޮށް އޭނާ ލަދުގަންނުވާލި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަމުންދަނީ، އިރާން އެކަހެރިކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކުގެ ބަދަލުގައި، މިހާރު ފެންނަމުންދަނީ ބައިނަލްއަގުވާމީ މައިދާނުގައި ޓްރަމްޕްގެ ސިޔާސަތުތައް ބަލައިނުގަނެ، އޭނާ އެކަހެރިވަމުންދާ މަންޒަރު ކަމަށެވެ. އަދި އެކި ގައުމުތަކުގެ ލީޑަރުން ފާޅުގައި ޓްރަމްޕަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާކަން ވެސް ފާހަގަކުރެވެ އެވެ.
Ads by MACL
