ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކާ ޚިލާފަށް ބައެއް ޓެކްސީތަކުން ބޮޑު އަގު ނަގަނީ

މާލޭގެ މަގެއްގެ މަތީގައި ޓެކްސީ ތަކެއް ސަތުރުކުރަނީ. ފޮޓޯ: މިހާރު
މާލޭގެ މަގެއްގެ މަތީގައި ޓެކްސީ ތަކެއް ސަތުރުކުރަނީ. ފޮޓޯ: މިހާރު

ސަރުކާރުން ކަނޑައަޅާފައިވާ ރަސްމީ އަގުތަކާ ޚިލާފަށް، އަމިއްލައަށް އަގުތައް ބޮޑުކޮށް މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ބައެއް ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގަން ފަށައިފި އެވެ. މި ބަދަލު ގެނެސްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައި ވެސް ތެލުގެ އަގަށް ބަދަލު އައުމާ ގުޅިގެންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުން، އެސްޓީއޯ އިން ވަނީ އަމިއްލަ ވިޔަފާރިތަކަށް ވިއްކާ ތެލުގެ އަގު އިއްޔެ ބޮޑުކޮށްފަ އެވެ. ނަމަވެސް، އާންމު ދަތުރުފަތުރާއި ފެރީގެ ޚިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް އޮތް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓީއޯ އިން ވަނީ މިއަދު ހަމަޖައްސައިދީފައެވެ.

އަވަސް ރައިޑުގެ ޓެކްސީ ޑްރައިވަރަކު މައުލޫމާތު ދިން ގޮތުގައި، ޕެޓްރޯލްގެ އަގު އުފުލެމުންދާތީ ދަތުރުތަކަށް ނަގާ އަގު ބޮޑުކުރުމަށް ޓެކްސީ ސެންޓަރުތަކުން މިރޭ ވަނީ ޑްރައިވަރުންނަށް އަންގާފައެވެ. "ޓެކްސީ ޑްރައިވަރުންނަށް މިރޭ ސެންޓަރުން އަންގާފައި އޮތީ އަގުތައް ބަދަލު ކުރުމަށް،" އޭނާ ބުންޏެވެ. ސެންޓަރުތަކުން އަންގާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވާ އަގަށް ވުރެ ބޮޑުކޮށް ދަތުރުތައް ކުރުމަށެވެ.

ސެންޓަރުތަކުން މިރޭ ނަގަން އެންގި އަގުތައް:


ޓެކްސީ ސެންޓަރުތަކުން އަލަށް ކަނޑައެޅި އަގުތަކުގެ ތެރޭގައި މާލެއިން ހުޅުމާލެ ފޭސް 1 އަށް 95 ރުފިޔާ، ފޭސް 2 އަށް 120 ރުފިޔާ، އަދި މާލެއިން ހުޅުލެއަށް 85 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ދެ ފޭސް އިން ހުޅުލެއަށް ކުރާ ދަތުރުތަކަށް 95 ރުފިޔާ ނެގުމަށް ވަނީ އަންގާފައެވެ.

މި އަގުތަކަކީ ޓްރާންސްޕޯޓް މިނިސްޓްރީން ހުއްދަ ދީފައިވާ އަގުތަކެއް ނޫނެވެ. މިނިސްޓްރީން ކަނޑައަޅާފައިވާ ރަސްމީ އަގުތަކަކީ މާލެ އާއި ހުޅުމާލެ އެތެރޭގެ ދަތުރުތަކަށް 30 ރުފިޔާ، މާލެ-ހުޅުމާލެ ފޭސް 1 އަށް 85 ރުފިޔާ، ފޭސް 2 އަށް 100 ރުފިޔާ، އަދި މާލެ-ހުޅުލެ ދަތުރަކަށް 70 ރުފިޔާއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މީގެ ކުރިން ވެސް ބުނެފައިވަނީ ޓެކްސީ ދަތުރުތައް ކުރެވޭނީ ކަނޑައަޅައި އާންމުކޮށްފައިވާ ރަސްމީ އަގުތަކުގައި އެކަނި ކަމަށެވެ. އަދި އޮޅުވާލައިގެން ބޮޑު އަގު ނަގާ ފަރާތްތަކުގެ މައްސަލަ ރިޕޯޓްކުރުމަށް ވެސް މިނިސްޓްރީން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.