އީރާނުގެ ވޯލްޑް ކަޕް މެޗުތައް އެމެރިކާއިން މެކްސިކޯއަށް ބަދަލުކުރުމަށް ފީފާއާއެކު މަޝްވަރާކުރަނީ
މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގައި އީރާނުން ކުޅެންޖެހޭ މެޗުތައް، ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެމެރިކާއިން މެކްސިކޯއަށް ބަދަލުކުރުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފީފާއާއެކު މަޝްވަރާކުރަން ފަށައިފި އެވެ. އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް މަހްދީ ތާޖް ހޯމަ ދުވަހު ވިދާޅުވީ، މި ބަދަލު ގެނައުމަށް މަސައްކަތް ކުރަމުންދަނީ އެމެރިކާގައި އީރާނުގެ ޓީމަށް ރައްކާތެރިކަން އޮތް ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.
އީރާނުގެ ބައިވެރިވުމާ މެދު ސުވާލު އުފެދުނީ، ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން އިޒްރޭލާ ގުޅިގެން އީރާނަށް ވައިގެ ހަމަލާތަކެއް ދޭން ފެށުމާ ގުޅިގެންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ހަފުތާގައި ވިދާޅުވީ އީރާނަށް މުބާރާތުގައި ބައިވެރިވެވިދާނެ ކަމަށާއި، ނަމަވެސް އީރާނުގެ ކުޅުންތެރިންގެ ފުރާނައާއި ސަލާމަތަށްޓަކައި އެމެރިކާގައި މެޗުތައް ކުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ފެންނަ ކަމަށެވެ.
އީރާނުގެ ގައުމީ ޓީމުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްނުދެވޭނެ ކަމަށް ޓްރަމްޕް ސާފުކޮށް ވިދާޅުވެފައިވާއިރު، އީރާނުން އެމެރިކާއަކަށް މެޗުތައް ކުޅެން ދިއުމުގެ ބޭނުްމެއް ނެތްކަމަށް މެކްސިކޯގައި ހުންނަ އީރާނުގެ އެމްބަސީގެ އެކްސް އެކައުންޓުގައި މަހްދީ ތާޖް ވިދާޅުވެފައިވެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ އީރާނުގެ މެޗުތައް މެކްސިކޯގައި ބޭއްވުމަށް ފީފާއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން ފީފާގެ ތަރުޖަމާނަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ މި އަހަރުގެ ވޯލްޑް ކަޕްގެ ރޭވުންތަކާ ގުޅޭގޮތުން އީރާނާއެކު ގަވާއިދުން ވާހަކަ ދެކެވެމުންދާ ކަމަށެވެ. ނަމަވެސް، މެޗުތައް ބަދަލުކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ފީފާއިން ހާމައެއް ނުކުރެއެވެ. މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވިދާޅުވީ ފީފާއިން އެއްބަސްވާނަމަ އީރާނުގެ މެޗުތައް މެކްސިކޯގައި ބޭއްވުމަށް އެ ގައުމުން އެއްވެސް އިއުތިރާޒެއް ނެތް ކަމަށެވެ.
ތާވަލުކޮށްފައިވާ ގޮތުން އީރާނުން ގްރޫޕް ޖީގައި ކުޅެންޖެހޭ ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެން އޮތީ ލޮސް އެންޖެލިސްގައެވެ. އަދި އެއް މެޗު ސިއެޓްލްގައެވެ. އީރާނާއެކު މި ގްރޫޕްގައި ހިމެނެނީ ބެލްޖިއަމް، މިސްރު އަދި ނިއުޒީލެންޑެވެ. ސިޔާސީ ނުވަތަ ސަލާމަތީ ސަބަބުތަކަށްޓަކައި މެޗުތައް ބާއްވާ ތަން ބަދަލުކުރުމަކީ މީގެ ކުރިންވެސް ކުޅިވަރުގެ ދުނިޔޭގައި ހިނގާފައިވާ ކަންކަމެވެ.
އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވެފައިވަނީ އެމެރިކާއިން އީރާނަށް ހަމަލާދެމުންދާ ދަނޑިވަޅެއްގައި، އެ ގައުމަށް ގޮސް މެޗުތައް ކުޅުމަކީ އީރާނުގެ ކުޅުންތެރިންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، މެޗުތައް ބަދަލުކުރުމަށް ފީފާއިން އެއްބަސްނުވެއްޖެނަމަ، އީރާނުން މުބާރާތުގައި ބައިވެރިވުމާ މެދު ވަނީ ބޮޑު ސުވާލެއް އުފެދިފަ އެވެ.
Ads by MACL
